Last Updated: November 25, 05:48
Monday, November 25, 2024
ޚަބަރު އެމްއެމްޕީއާރުސީ ހިޔާނާތް

އަދަބާ ގުޅޭގޮތުން ވާހަކަ ދައްކަން މެންދުރު އިތުރު އަޑުއެހުމެއް

ހުކުމް ކުރުމަށް މިއަދު ބޭއްވި އަޑުއެހުމުގެ ތެރެއިން-

އެމްއެމްޕީއާރްސީ ބޮޑު ހިޔާނާތުގެ މައްސަލައިގައި ހިމެނޭ ވ. އާރަށުގެ މައްސަލައިގައި ދައުވާ ލިބޭ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި ޔޫސުފް ނައީމްގެ ފަރާތުން އަދަބާ ބެހޭގޮތުން ވާހަކަ ދެއްކުމަށް މެންދުރު އިތުރު އަޑުއެހުމެއް ބޭއްވުމަށް ނިންމައިފިއެވެ.

އާރަށުގެ މައްސަލައިގައި ދައުވާ އުފުލާފައިވަނީ ކުރީގެ ރައީސް ޔާމީންގެ މައްޗަށާއި ޔޫސުފް ނައީމްގެ މައްޗަށެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑްރިންގެ ދައުވާ އާއި، ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާއެވެ. ޔޫސުފް ނައީމްގެ މައްޗަށް އުފުލާފައިވަނީ، ރިޝްވަތު ދިނުމުގެ ދައުވާއެވެ.

އެ މައްސަލައިގައި ހުކުމް ކުރުމަށް މިއަދު ބޭއްވި އަޑުއެހުމުގައި ވަނީ އުފުލާފައިވާ ދައުވާތައް ސާބިތުވާ ކަމަށް ހުކުމް ކޮށްފައެވެ.

ދައުވާތައް ސާބިތުވާކަމަށް ހުކުމް ކުރުމުން، އަދަބާ ބެހޭގޮތުން ވާހަކަ ދެއްކުމަށް ލިބުނު ފުރުސަތުގައި ދައުލަތުން އެދިފައިވަނީ، ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާއަށް ޔާމީންގެ މައްޗަށް 8 އަހަރުގެ އަދަބެއް ކަނޑައެޅުމަށެވެ. އަދި ޔޫސުފް ނައީމްގެ މައްޗަށްވެްސ 8 އަހަރުގެ ޖަލު ހުކުމެއް ކަނޑައަޅައިދިނުމަށެވެ.

މީގެއިތުރުން މަނީލޯންޑްރިންގެ ދައުވާގައި ދައުލަތުން އެދިފައިވަނީ ޔާމީން 11 އަހަރުގެ މުއްދަތަށް ޖަލަށް ލުމާއެކު ކުށްކުރަން ބޭނުންކުރި ފައިސާގެ ފަސް ގުނައިން ޖުރިމަނާ ކުރުމަށެވެ.

އަދަބާ ބެހޭގޮތުން ވާހަކަ ދެއްކުމަށް ރައީސް ޔާމީން އަދި ޔޫސުފް ނައީމްގެ ވަކީލުންނަށް ލިބުނު ފުރުސަތުގައި އެ ވަކީލުން އެދިފައިވަނީ އަދަބާ ބެހޭގޮތުން ވާހަކަ ދެއްކުމަށް ވަކިން އަޑުއެހުމެއް ބޭއްވުމަށެވެ. އަދި އެކަމަަށް ޤާނޫނުގައި ލިބިދޭ އެންމެ ދިގު މުއްދަތެއް ދިނުމަށްވެސް އެދިފައިވެއެވެ.

އެހެންނަމަވެސް މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލް ނިންމެވީ، އަދަބާ ބެހޭގޮތުން ވާހަކަ ދެއްކުމަށް މެންދުރު 2 ޖަހާއިރު އިތުރު އަޑުއެހުމެއް ބޭއްވުމަށެވެ.

މި މައްސަލައިގެ ހުކުމުގައި ބުނެފައިވަނީ ޔާމީންގެ އެކައުންޓަށް ވަތް ފައިސާ އަކީ ސިޔާސީ ކަންކަމަށް ލިބުނު ފައިސާ ކަމަށްބުނިނަމަވެސް ޕީޕީއެމްގެ މާލީ ހިސާބުތަކުން އެ ފައިސާ ފެންނާކަށް ނެތް ކަމަށެވެ. އަދި ފައިސާގެ ހަގީގަތް ހާމަވީ، ހެކިބަސް ނެގި ހިސާބުން ކަމަށާއި، އެގޮތުން ޒިޔަތު އަދި އަދީބުގެ ހެކިބަހުން އެކަމުގެ ތަފުސީލު ހާމަވެގެންދިޔަ ކަމަށެވެ.

މީގެއިތުރުން އާރަށުގެ މައްސަލައިގައި ސޮއި ކުރުމަށް ދެ ދުވަހަށް ވެފައިވަނީ ޔާމީން އެދިގެން ރަށުގެ އަގު ބަދަލުކުރިކަން ހެކިބަސް ލިބިފައިވާ ކަމަށެވެ. އަދި ރިޝްވަތުގެ ފައިސާ ލިބުމަށް ޔާމީން މަސައްކަތް ކުރިކަން ސާފުވާ ކަމަށެވެ.

ހުކުމުގައި ބުނެފައިވަނީ ޔާމީންގެ ނަމުގައިވާ އެކައުންޓެއް ރީއެކްޓިވޭޓްކޮށް ޔޫސުފް ނައީމްގެ ނަމުގައިވާ އެކައުންޓަކުން ފައިސާ ޖަމާކުރުމަކީ އިއްތިފާގެއް ކަމަކަށް ނުދެކޭ ކަމަށެވެ. އެއީ އާރަށް ކުށްޔަށް ދިނުމާ ގުޅިގެން ޔާމީން ހޯދުމަށް އެދުނު ފައިސާކަން ޔާމީނަށް އެނގޭނެކަން އެއީ ސަބަބުވެރި އިންސާނެއްގެ ނަޒަރުންބެލިނަމަވެސް ޔަގީންވާކަމެއް ކަމަށް ހުކުމަގައިވެއެވެ.