ދުނިޔޭގެ އެންމެ މުއްސަނދި ފިލްމީ އެކްޓަރުންގެ ދެވަނަ ހޮލީވުޑްގެ މަޝްހޫރު ތަރިންތަކެއް ފަހަތަށް ޖައްސާލުމަށް ފަހު، ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ހާނަށް ލިބިއްޖެ އެވެ.
އޭނާއަކީ ކާމިޔާބު ގިނަ ފިލްމުތަކެެެއް ކުޅެ، ރެޑް ޗިލީޒް އެންޓަޓައިންމަންޓްގެ ނަމުގައި ޕްރޮޑަކްޝަން ހައުސްއެއް ހިންގުމުގެ އިތުރަށް ކްރިކެޓް ޓީމެއްގެ ވެރިއެއް ވެސް މެ އެވެ. ޝާހްގެ ކްރިކެޓް ޓީމަކީ ކޮލްކަތާ ނައިޓް ރައިޑާ (ކޭކާއާރް) އެވެ.
އެމެރިކާގެ ވެލްތު-އެކްސް ލިސްޓުން އެކުލަވާލި ދުނިޔޭގެ އެންމެ މުއްސަނދި އެކްޓަރުންގެ ދެވަނަ ޝާހްރުކަށް ލިބުނީ އޭނާގެ މިލްކިއްޔާތުގައި ހުރި 600 މިލިއަން ޑޮލަރާ އެކުގަ އެވެ.
މި ލިސްޓްގެ އެއްވަނަ އަށް ދިޔައީ މަޝްހޫރު ކޮމޭޑިއަން ޖެރީ ސީން ފީލްޑެވެ. އެއީ ޖުމްލަ 820 މިލިއަން ޑޮލަރުގެ މިލްކިއްޔާތަކާ އެކުގަ އެވެ.
ލިސްޓްގެ ތިން ވަނަ ހޮލީވުޑްގެ މަޝްހޫރު އެކްޓަރު އަދި "މިޝަން އިމްޕޮސިބަލް" ގެ ތަރި ޓޮމް ކްރޫޒަށް ލިބުނީ 480 މިލިއަން ޑޮލަރާ އެކުގަ އެވެ.
މީގެ އިތުރުން ލިސްޓްގެ ހަތަރު ވަނަ އަށް ޓައިލާ ޕެރީ އާއި "ޕައިރޭޓްސް އޮފް ދަ ކެރީބިއަން" ގެ ތަރިން ޖޯނީ ޑެޕް ދިޔައީ 450 މިލިއަން ޑޮލަރާ އެކުގަ އެވެ.
މި ލިސްޓްގައި އޮސްކާ ހާސިލްކޮށްފައިވާ މަޝްހޫރު ބައެއް ތަރިން ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި 400 މިލިއަން ޑޮލަރާ އެކު ޖެކް ނިކޯލްސަން، 390 މިލިއަން ޑޮލަރާ އެކު ޓޮމް ހޭންކްސް، 370 މިލިއަން ޑޮލަރާ އެކު ޑައިރެކްޓަރު ކްލިންޓް އީސްޓްވުޑް ހިމެނެ އެވެ.
ލިސްޓްގައި ހިމެނޭ އެހެން އެކްޓަރުންނަށް ބަލާ އިރު، ބިލް ކޮސްބީ އާއި އެޑަމް ސޭންޑްލާ ވެސް ހިމެނެ އެވެ.
ބޮލީވުޑަށް 1992 ގައި ފިލްމީ "ދީވާނާ" އިން ސަޕޯޓިން އެކްޓަރެއްގެ ރޯލުން ނިކުތް ޝާހްރުކް ވަނީ ވަރަށް ކާމިޔާބު ފިލްމަތެއް ކުޅެ ބޮލީވުޑްގެ އެންމެ މުފޫޒު ގަދަ ތަރިންގެ ތެރޭގައި ހިމެނި އެވެ. އޭނާ ފާހަގަ ކުރެވައި ވަނީ "ކިންގް ހާން" ގެ ގޮތުގަ އެވެ.
އޭނާގެ ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި "ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭގޭ"، "ބާޒީގަރް"، "ޑަރް"، ކުޗްކުޗް ހޯތާ ހޭ" އާއި "ކަބީ ހުޝީ ކަބީ ޢަމް" އަދި "ޗެންނައި އެކްސްޕްރެސް" އާއި "އޯމް ޝާންތީ އޯމް" ގެ އިތުރުން "ޖަބް ތަކް ހެ ޖާން" ފަދަ ފިލްމުތައް ހިމެނެ އެވެ.