އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ނިކުންނާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕާޓީގެ ޕްރައިމަރީގައި ޕާޓީގެ ރައީސް މުހައްމަދު ނަޝީދު އާއި ޕާޓީގެ އިސް ލީޑަރ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާދަ ކުރައްވާއިރު މިއީ އެމްޑީޕީގެ އެތެރޭގައި މިހާތަނަާށް ބޭއްވޭނެ އެންމެ ފޯރިގަދަ އަދި އެންމެ ވަރުގަދަ އިންތިހާބެވެ.
އެމްޑީޕީގެ ފާއިތުވި 16 އަހަރުގެ ތާރީހުގައި ބޭއްވޭ އެންމެ ބޮޑު އިންުތިހާބަށް ދެ ރައީސުން ނިކުންނަވާއިރު މިހާރުވެސް ޕާޓީވަނީ ދެ ފެކްޝަނަކަށް ފަޅިވެފައެވެ. ރައީސް ނަޝީދުގެ ސަޕޯޓަރުން ވިދާޅުވާ ގޮތުން އެެމަނިކުފާނާއި އެކު ތިއްބެވީ ޕާޓީގެ ގްރާސްރޫޓުގެ ފަހުލަވާނުންނެވެ. އެއީ ދެގޮތެއް ނުވެ ނަޝީދުގެ ފަހަރުގައި "ވީހާލެއްގައިވާން" ތައްޔާރަށް ތިބި މެމްބަރުންނެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ފާއިތުވި ދުވަސްތަކުގެ ތެރޭގައި ޕާޓީގެ މެމްބަރުންގެ ބޮޑު ތާއިދެއް ހޯއްދަވާފައެވެ. ނިމިގެން ދިޔަ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބާއި، އެމްެޑީޕީ ގައުމީ މަޖްލިސްއަށް މެމްބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ބޮޑު މެޖޯރިޓީ ހޯއްދެވީ ރައީސް ސޯލިހުއަށް ތާއިދު ކުރައްވާ މެމްބަރުންނެވެ. އެެހެންވެ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މުޅި މެޖޯރިޓީ އޮތީ ރައީސް ސޯލިހުއަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެމްބަރުންގެ މެޖޯރިޓީ ތާއިދުވެސް އޮތީ ރައީސް ސޯލިހުއަށެވެ.
ދެ ރައީސުންގެ ބޮޑު އިންތިހާބުގެ ކެމްޕެއިން ފެށިފައިވާ އިރު ރައީސް ނަޝީދު ރޭ ވަނީ އެމަނިކުފާންގެ ކެމްޕެއިން ރަސްމީކޮށް ފައްޓަވާފައެވެ. އެމަނިކުފާންގެ ގިނަ އަދަދެއްގެ ސަޕޯޓަރުންނާއި އެކު ރޭ ސަލްޓަން ޕާކުގައި ކެމްޕެއިން ފެއްޓެވީ " ފިކުރެއްގެ ދިރުން" ސްލޯގަން އާއި އެކުއެވެ. ނަޝީދު ރޭ ވިދާޅުވީ ރައީސް ސޯލިހު މިހާރު ވެރިކަން ކުރައްވަނީ އެމަނިކުފާން އާއި ޕާޓީގެ މެމްބަރުން އެއްފަރާތް ކުރެއްވުމަށް ފަހު ކަމަށެވެ.
ރައީސް ސޯލިހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަފފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ރައީސް ސޯލިހުއަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު ލިބިވަޑައިގެންފި ނަމަ 20 ޕަސެންޓު ވޯޓުވެސް ލިބިވަޑައިނުގަންނަވާނެ ކަމަށެވެ.
ޕްރައިމަރީގެ ކެމްޕެއިން ފެއްޓެވުމަށް ރައީސް ސޯލިހުވެސް ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އިއްޔެ ހަވީރު ރައީސް އޮފީހުގައި ބޭއްވެވި ނޫސް ކޮންފަރެންސްގައި ވެސް ރައީސް ވަނީ ޕާޓީގެ ޕްރައިމަރީ ބޮޑުތަނުން ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖެއަށް ހަމަޖެހުން ގެނެސްދެވޭނީ އެމަނިކުފާނަށްކަމަށް ވިދާޅުވެފައެވެ.

ކޮންމެ އަކަށް ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ އެންމެ ބޮޑު އިންތިހާބަށް ތައްޔާރުވަމުން އަންނަ އިރު މިއީ އާދައިގެ އިންތިހާބަކަށް ނުވާނެއެވެ. ވެރިކަން ކުރާ ޕާޓީގެ އެތެރެއިން މިހާރުވެސް އެއް ފެކްޝަން އަނެއް ފެކްޝަނަށް ފޮނުވާ ބަހުގެ ހަމަލާތަކާއި ކުރައްވާ ތުހުމަތުތަކަކީ އާދައިގެ ތުހުމަތުތަކެއް ނޫނެވެ.
އެތައް އަޑުތަކާއި އެތައް ވާހަކަތަކެއް އިވިގެންދާނެއެވެ. މިއާއި އެކު އުފެދޭ ސުވާލަކީ އެމްޑީޕީގެ ތިލަފަތް މިފަހަރު ބަރުވާނީ ކޮން ކޮޅަކަށްތޯ އުފެދޭ ސުވާލެވެ. މި ސުވާލިުގެ ޖަވާބަކީ ރާއްޖޭގެ ރިޔާސީ އިންރިހާބު ކާމިޔާބާއި ނާކާމިޔާބު ވަޒަން ކުރެވޭނެ ނަތީޖާއެވެ.