މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލާ ދަފުތަރުގައި ނަން ނެތިގެން 900 އެއްހާ މީހުން ޝަކުވާ ހުށަހަޅާފައިވާ ކަމަށް އިންތިހާބާ ބެހޭ ކޮމިޓީން ބުނެފިއެވެ.
އެމްޑީޕީ ޕްރައިމަރީއަށް ހޮވި ފަސް މެންބަރުންގެ ކޮމިޓީން މިއަދު އެމްޑީޕީގެ އޮފީހުގައި ބޭއްވު ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޓީގައި ހިމެނޭ ޗެއަރޕާސަންގެ ނައިބު އިދާރީ އިބްރާހިމް ވަހީދު ވިދާޅުވީ، ޕްރައިމަރީގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުސަތު އިއްޔެ ހަވީރު 4:00 އަށް ހަމަވެފައިވާ ކަމަށެވެ.
އެ ފުރުސަތުގައި 905 މީހަކާ ގުޅޭ ޝަކުވާ ހުށަހަޅާފައިވާ ކަމަށާއި، އޭގެތެރޭގައި ނިޔާވެފަ ހުރި ބައެއް ފަރާތްތަކާއި ދާއިރާ ބަދަލުވެފައި ހުރި ފަރާތްތަކާ ގުޅޭ ޝަކުވާ ހިމެނޭ ކަމަށެވެ.
އިބުރޭ ވިދާޅުވީ ވޯޓުލެވޭ ލިސްޓުގައި ނަން ނެތިގެން 900 އެއްހާ މީހުން ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ. އޭގެތެރެއިން 683 މީހުންނަކީ އެއްވެސް ޕާޓީއެއްގެ ދަތުފަރުގައި ނަން ނެތް މީހުން ކަމަށާއި، އެހެން ޕާޓީތަކުގެ ދަފުތަރުގައި ހިމެނޭ 212 މީހުން ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ. މި ޝަކުވާތައް ޝަކުވާ ކޮމިޓީން ބަލާ އެކަމަށް އެޓެންޑް ވާނެ ކަމަށް އިބުރޭ ވިދާޅުވިއެވެ.
ޕްރައިމަރީގައި ވާދަކުރައްވާ ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން ހުށަހެޅި ހަތަރު މައްސަލައަކާ ގުޅިގެން ވެސް އިބުރޭ ޖަވާބު ދެއްވާފައިވެއެވެ. އެގޮތުން އިބުރޭ ވިދާޅުވީ، އިންތިހާބަށް އެކުލަވާލި ފަސް މެންބަރުންގެ ކޮމިޓީން ކުރަންޖެހޭ މަސައްކަތް އިތުރު ފަރާތަކުން ނުކުރާ ކަމަށެވެ. އެކަމުގެ މިސާލެއްގެ ގޮތުން އިބުރޭ ވަނީ 2013 އަދި 2018 ވަނަ އަހަރު ރިޔާސީ ޕްރައިމަރީއަށް އިއުލާނު ކުރެއްވީވެސް ޕާޓީގެ ޗެއާޕާސަންކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން މިފަހަރު ޕްރައިމަރީއަށް ހުޅުވާލި ހުޅުވާލުމުގައި މައްސަލައެއް އޮތްކަމެއް ނުދެކޭ ކަމަށެވެ.
މީގެއިތުރުން ޑިސެމްބަރު 5 ވަނަ ދުވަހު ރައީސް އިބްރާޙިމް މުހައްމަދު ސޯލިހަށް ތާއީދު ފޯމު ފުރަން ފެށި ކަމަށްބުނެ ފާހަގަކުރި ޝަކުވާއާ ގުޅިގެން އިބުރޭ ވިދާޅުވީ، ޑިސެމްބަރު 1 ވަނަ ދުވަހު ދެ ކެނޑިޑޭޓުންނަށްވެސް ތާއީދު ފޯމު ހަވާލުކޮށްފައިވާ ކަމަށެވެ. އެހެންކަމުން ޑިސެމްބަރު 5 ގައި ފޯމު ފުރުން އެއީ މައްސަލައެއް ކަމަށް ނުދެކޭ ކަމަށެވެ.
"ޑިސެމްބަރު 1 ވަނަ ދުވަހު ވަނީ ދެ ކެނޑިޑޭޓުންނަށްވެސް ތާއީދު ފޯމު ޕާޓީން ދީފަ. އެހެންކަމުން ޑިސެމްބަރު 5 ވަނަ ދުވަހު ތާއީދު ފޯމު ފުރަންއުޅުން އެއީ މައްސަލައެއް ކަމަކަށް މި ކޮމިޓީ އަކަށް ނުފެނޭ." އިބުރޭ ވިދާޅުވިއެވެ.
ޕްރައިމަރިއަށް ހުޅުވާލި ތާރީހު ކަމަށްވާ 18 ޑިސެމްބަރު 2022 އާ ހަމައަށް އިލެކްޝަންސްގެ ދަފުތަރުގައި ނުހިމެނޭ 457 މީހަކު އެމްޑިޕީގެ ދަފުތަރުގައި ހިމަނާފައިވާ މައްސަލައާ ގުޅިގެން އިބުރޭ ވިދާޅުވީ އެ މައްސަލަ ޝަކުވާ ކޮމިޓީން ބެލި ކަމަށާއި އަދި ޑިސެމްބަރު 18 އާ ހަމައަށް އިލެކްޝަންސްގެ ލިސްޓުގައި ނެތް މީހުނަށް ޕްރައިމަރީގައި ވޯޓު ލުމުގެ ފުރުސަތު ނުދޭން ނިންމާފައިވާ ކަމަށެވެ. އަދި ފައިނަލް ވޯޓާސް ލިސްޓުގައި އެ މީހުންގެ ނަން ނުހިމެނޭނެ ކަމަށް ވިދާޅުވިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ޖެނުއަރީ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު އެ ޕްރައިމަރީގައި ވާދަކުރައްވަނީ އެމްޑިޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.