Last Updated: September 30, 15:16
Monday, September 30, 2024
މުނިފޫހިފިލުވުން

"ސިންގަމް އެގެއިން" ފެށުމުގެ ތައްޔާރީތަކަށް

އަޖޭ ދޭވްގަނާ އެކީ ޑައިރެކްޓަރު ރޯހިތު ޝެޓީ ގެނެސްދޭ "ސިންގަމް" ފްރެންޗައިޒްގެ ތިން ވަނަ ބައިގެ ތައްޔާރީތައް ވާން ފަށައިފި އެވެ.

ރޯހިތާ އެކީ ނަގާފައިވާ ފޮޓޯއަކާ އެކީ އަޖޭ މިއަދު ސޯޝަލް މީޑިއާގައި ބުނީ "ސިންގަމް އެގެއިން" ސްކްރިޕްޓް އޭނަ އަށް ނެރޭޓްކޮށް ދީފައިވާ ކަމަށާއީ މިއީ އާ އަހަރަށް ވަރަށް ރަނގަޅު ފެށުމެއް ކަމަށެވެ. މި ފިލްމު ވާނީ ރޯހިތާ އެކީ އަޖޭ މަސައްކަތްކުރާ 11 ވަނަ ފިލްމަށެވެ.

ރޯހިތުގެ ގާތް އެކުވެރިއެއްގެ ގޮތުގައި ފާހަގަކޮށްލެވޭ އަޖޭ އަކީ އޭނަ ޑައިިރެކްޓްކުރި ގިނަ ފިލްމުތަކުގެ ބަތަލެވެ. އޭގެ ތެރޭގައި "ގޯލްމާލް" ފްރެންޗައިޒް ވެސް ހިމެނެ އެވެ. ސިންގަމް ކެރެކްޓާއާ އެކީ ރޯހިތު ތައާރަފުކުރި ކޮޕް ޔުނިވާސްގެ ތިން ވަނަ ކެރެކްޓާ އަކްޝޭ ކުމާރާ އެކީ 2021 ގައި "ސޫރިޔަވަންޝީ" އިން ގެނެސްދިން އިރު، އޭގައި ވެސް އަޖޭގެ ވަރަށް ހާއްސަ ފެނިލުމެއް ހިމެނެ އެވެ.

ރަންވީރު ސިންގްއާ އެކީ 2018 ގައި ގެނެސްދިން "ސިމްބާ" އަކީ ވެސް ރޯހިތުގެ ކޮޕް ޔުނިވާސްގެ ބައެކެވެ. އަދި މިހާރު ސިދާތު މަލްއުތުރާއާ އެކީ "އިންޑިއަން ޕޮލިސް ފޯސް" ގެ ނަމުގައި އެމެޒޯން ޕްރައިމް ވީޑިއޯ އަށް އަންނަނީ ކޮޕް ޔުނިވާސް އަށް ސީރީޒެއް ވެސް ހަދަމުންނެވެ.

ރޯހިތުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހުގެ 23 ގައި ރިލީޒްކުރި ކޮމެޑީ ފިލްމު "ސާކަސް" އެވެ. އަދި މިއީ އޭނަގެ ކެރިއަރުގެ މި ފަހުގެ އެންމެ ބޮޑު ފްލޮޕެވެ. ރޯހިތަކީ އަބަދު ވެސް ކޮންމެ ފިލްމެއް 100 ކްރޯޑަށް ކުލަބަށް ވައްދާ، އަދި އެވަރުގެ އާމްދަނީއެއް ހޯދި ފިލްމުތައް އެންމެ ގިނަ ބޮލީވުޑްގެ ޑައިރެކްޓަރު ވެސް މެ އެވެ.

"ސިންގަމް އެގެއިން" ގެ ތައްޔާރީތައް ވަމުން އަންނަ އިރު، މި ފިލްމުގެ ބަތަލާއަކަށް ނަގާފައި ވަނީ ދީޕިކާ ޕަދްކޯނެވެ. އަދި މިއީ އަޖޭ އާއި ދީޕިކާ އެކީގައި ސްކްރީނުން ފެންނާނެ ފުރަތަމަ ފިލްމަށް ވާނެ އެވެ.

ކާޖަލް އަގަރްވާލް ބަތަލާގެ ރޯލު ކުޅުނު "ސިންގަމް" 2011 ގައި ގެނެސްދިނުމަށް ފަހު، ކަރީނާ ކަޕޫރް ބަތަލާއަކަށް ލައިގެން "ސިންގަމް ރިޓާންސް" ގެނެސްދިނީ 2014 ގަ އެވެ. އަދި މި ދެ ފިލްމު ވެސް ވަރަށް ކާމިޔާބެވެ.

މި އަހަރު އަޖޭ ފެންނާނެ ފުރަތަމަ ފިލްމަކީ މާޗް 30 އަށް ތާވަލުކޮށްފައި އޮތް "ބޯލާ" އެވެ. މިއީ އޭނަ ކުޅެ، ޑައިރެކްޓްކުރި ހަތަރު ވަނަ ފިލްމެވެ.