Last Updated: December 22, 10:33
Sunday, December 22, 2024
ޚަބަރު އެމްޑީޕީ

އަޅުގަނޑުގެ ރަނިންމޭޓަކަށް ވާނީ އައްޑޫ ބޭފުޅެއް: ނަޝީދު

އެމަނިކުފާނުގެ ރަނިންމޭޓަކަށް ވާނީ އައްޑޫސިޓީއަށް ނިސްބަތްވާ ބޭފުޅެއް ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އއ، އދ، ފ އަދި ދ އަތޮޅަށް ކުރެއްވި ދަތުރުފުޅަށްފަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު އެމަނިކުފާނުގެ ރަނިންމޭޓަކަށް ވާނީ އައްޑޫގެ ބޭފުޅެއް ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ރަނިންމޭޓަކަށް ހަދަން ބޭނުންވަނީ މުޅި ރާއްޖެ ތަމުސީލުކުރެވޭނެ ބޭފުޅެއް ކަމަށާއި އެމަނިކުފާނުގެ ރަނިންމޭޓަކަށް ވާނީ އައްޑޫގެ ބޭފުޅެއް ކަމަށެވެ. އެހެންނަމަވެސް އެއީ ކޮންބޭފުޅެއް ކަމެއް ރައީސް ނަޝީދު ހާމައެއްނުކުރައްވައެވެ.

މީގެއިތުރުން ނަޝީދު ވިދާޅުވީ 60 އާއި 70 ޕަސެންޓާއި ދޭތެރެއިން ޕްރައިމަރީ ކާމިޔާބު ކުރެވޭނެ ކަމަށް ދެކޭކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީ އެމަނިކުފާނު ކާމިޔާބު ކުރައްވާނެ ކަމަށާއި އެމްޑީޕީގެ މެންބަރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަހަތަށް ދެން ނާރާނެ ކަމަށެވެ.

ޖެނުއަރީ 28 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ނަޝީދާ ވާދަކުރައްވަނީ ރައީސް ސޯލިހެވެ. ދެ ބޭފުޅުންވެސް އަންނަނީ ޕްރައިމަރީއަށް ފޯރީގައި ކެމްޕޭން ކުރައްވަމުންނެވެ.