ރައީސް އިބްރާހިމް މުހައްމަދު ސޯލިހު "ރިއެކްޓް" ނުކުރެއްވީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބޭނުންފުޅުވި ގޮތަށް ބަރުލަމާނީ ނިޒާމު ގެންނަން ކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ވިދާޅުވެއްޖެ އެވެ.
ސަނީފް މިހެން ވިދާޅުވެފައިމިވަނީ ރައީސް ސޯލިހު ކަންކަމުގައި ރިއެކްޓް ނުކުރައްވާ ކަމަށް ވިދާޅުވެ ނަޝީދު ސަރުކާރަށް ފާޑުކިޔުން އަމާޒުކުރައްވާފައިވާ ދަނޑިވަޅެއްގަ އެވެ.
އެކަމާ ގުޅިގެން ރޭ "ސަންގުޓީވީ" ގައި ވާހަކަދައްކަމުން ސަނީފް ވިދާޅުވީ ނަޝީދު އެދިލެއްވި ބައެއް ކަންކަމަށް ރައީސް ސޯލިހު ރިއެކްޓް ނުކުރެއްވި ކަމަށާއި އެ ކަންކަމުގައި ރިއެކްޓް ނުކުރެއްވީ ގައުމުގެ މަސްލަހަތަށްޓަކާ ކަމަށެވެ.
އެގޮތުން ނަޝީދު ފުރަތަމަ އެދިލެއްވީ މިހާރު ވެރިކަން ކުރަމުންދާ ކޯލިޝަން ރޫޅާލުމަށް ކަމަށާއި ގައުމުގެ ހަމަޖެހުމަށްޓަކާ ރައީސް އެކަމަށް ރިއެކްޓް ނުކުރެއްވި ކަމަށް ސަނީފް ވިދާޅުވި އެވެ. އަދި މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮވެ ބަރުލަމާނީ ނިޒާމަކަށް ދިޔުމަށް ވެސް ރައީސް ރިއެކްޓް ނުކުރެއްވި ކަމަށް ސަނީފް ވިދާޅުވި އެވެ.
"ރިއެކްޓް ނުކުރީމަ އެހާ ހިސާބުން އެ ގޯސްވީ. އެކަމަކު ރަނގަޅަކަށްޓަކާ ރިއެކްޓް ނުކުރެއްވީ. ރައީސް ނަޝީދު ތަކުރާރުކޮށް ވިދާޅުވި ބޮޑުވަޒީރުކަން ބޭނުމޭ." ސަނީފް ވިދާޅުވި އެވެ.
ސަނީފް ވިދާޅުވީ ބޮޑުވަޒީރުކަން ލިބޭނެ ގޮތަށް ގާނޫނު އަސާސީ އިސްލާހުކޮށްދިނުމަށް ވެސް ނަޝީދު އެދިވަޑައިގެންނެވި އެވެ. ނަމަވެސް އެމްޑީޕީގެ މަޖިލިސް މެމްބަރުން ވެސް އެކަމަށް ރިއެކްޓް ނުކުރެއްވި ކަމަށާއި ރިއެކްޓް ނުކުރުމުން އެ މެމްބަރުން ވެސް މިއަދު އެމްޑީޕީގެ ބަޔަކަށް ނުވި ކަމަށް އޭނާ ވިދާޅުވި އެވެ.
ނަޝީދަކީ ބަރުލަމާނީ ނިޒާމަށް ވަރަށް ބޮޑަށް ތާއީދުކުރައްވާ ބޭފުޅެއް ކަމަށްވާއިރު، އެމަނިކުފާނު މީގެކުރިން ވަނީ ރައީސް ސޯލިހަށް ވެރިކަމުގެ ދެވަނަ ދައުރެއް ލިބުމުގެ އެންމެ ކަށަވަރު މަގަކީ ބަރުލަމާނީ ނިޒާމު ކަމަށްވެސް ވިދާޅުވެފަ އެވެ.
ނަޝީދު މިހެން ވިދާޅުވި ނަމަވެސް ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީން ނެރޭނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް ބާއްވާ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް އެމަނިކުފާނު ވަނީ ނިންމަވާފަ އެވެ. ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހު ވެސް ވާދަކުރައްވަ އެވެ. ޕްރައިމަރީ އޮންނާނީ މި މަހުގެ 28 ގަ އެވެ.