އޭއެފްސީ ޗެލެންޖް ކަޕް ގްރޫޕް ބީގެ މެޗްތައް އައްޑޫގައި ބާއްވަން ނިންމި ނިންމުމަކީ ވަރަށް އުފާކުރުން ހައްގު ކަމެކެވެ. ބައިނަލް އަގްވާމީ ފުޓްބޯޅަ މުބާރާތެއް އައްޑޫ ފަސްގަނޑުގައި ބޭއްވޭތީ ރައްޔިތުން ތިބީ އުފަލުންނެވެ.
ޖެނުއަރީ 14، 2014 ގައި ހިތަދޫ ޒޯން ސްޓޭޑިއަމް ތަރައްޤީ ކުރުމުގެ މަސައްކަތް އަމީން ކޮންސްޓަކްޝަން އާއި ހަވާލުކުރެވުނު ހިސާބުން އައްޑޫ ރައްޔިތުންގެ ލޯ އަމާޒުވެފައިވަނީ ސްޓޭޑިއަމްއަށެވެ. ސްޓޭޑިއަމްގެ މަސައްކަތް އެކި މީހުން ދިޔައީ ގާތުން ބަލަމުންނެވެ.
ސްޓޭޑިއަމްގެ "ވަކި" ތަންކޮޅެއް ހިޔާ ކުރުމާއި، ހިޔާ ކުރި ބައިގެ ދިޔަ ދޮވި ހަރު ނުކޮށްގެން އެވާހަކަ ދިޔައީ ދައްކަމުންނެވެ. އެކަމަކު އެކަމަކަށް ހައްލެއް ނުލިބުނެވެ. ދަނޑުގެ ވަށައިގެން ޖެހި ފެންސްވެސް އެހާ ނިކަމެތިއެވެ. އެކަން ވެސް ހައްލު ނުވިއެވެ.
ދަނޑުގެ މަސައްކަތް ފެށި ހިސާބުންވެސް ގިނަ ބައެއްގެ ސުވާލަކަށްވީ ދަނޑުގައި ދާއިމީ ލައިޓް ޖަހާނެތޯއެވެ. ދަނޑުގެ މަސައްކަތް ރަސްމީކޮށް އިފްތިތާހް ކޮށްދެއްވަމުން ޔޫތު މިނިސްޓަރ މަލީހް ޖަމާލް ރާޖަ ޕަކްސަ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތް އައްޑޫގައި ބާއްވާނެކަމަށް ވިދާޅުވުމުން ލައިޓް ޖެހުމުގެ ވާހަކަ އަށް ބޮޑު ސަމާލުކަމެއް ލިބުނެވެ.
ނަމަވެސް މުބާރާތް ފެށެން ހަފްތާއަކަށް ވުރެ ކުޑަތަންވެފައި ވަނިކޮށް ސްރީލަންކާއިން "ޖުންގު" ގެނެސް ލައިޓް ސިސްޓަމެއް ވަނީ އަތުރާލާފައެވެ. ކުއްޔަށް ގެނައި ލައިޓް ސިސްޓަމަށް ދައުލަތުން 320،000 ޑޮލަރު ހަރަދު ކުރި ކަމަށްވެއެވެ.
މިފަދަ ލައިޓިން ސިސްޓަމެއް ގަނެގެން ސްޓޭޑިއަމްގައި ޖެހުމަށް ހަރަދުވާނެކަމަށް ތަޖްރިބާ ހުރި ފަރާތްތަކުން ބުނަނީ ހޭދަވާނީ 350000 ޑޮލަރުކަމަށެވެ.
ދަނޑުގެ ކަންކަން ފުރަތަމަ މެޗް ފެށުނުއިރުވެސް އަދި މިހާރުވެސް އެއްކޮށް ނިންމާނުލެވެ.
ދެންއޮތީ މުބާރާތުގެ ދެން ހުރި އިންތިޒާމްތަކުގެ ވާހަކައެވެ. ޓީމްތައް ހެރެތެރެ ރިސޯޓަށް ގޮސް ކާން ނުލިބިގެން ވަނީ މައްސަލަ ޖައްސާފައެވެ. މުބާރާތް ފެށުމުގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސްގައި ޕިލިޕީންސް ކޯޗް ވަނީ އެމައްސަލަ ފެންމަތިކޮށްފައެވެ. އަދި އެއްގަމު ޓްރާންސްޕޯޓް މައްސަލަވެސް ޓީމްތަކުން ވަނީ ޖައްސާފައެވެ.
މުބާރާތުގެ ފުރަތަމަ މެޗްފެށި އިރު ސަޕޯޓަރުން ތިބި ދަނޑުގެ ގޭޓުން ބޭރުގައެވެ. ޓިކެޓްއަށް ވާނުވާއެއް ނޭގިގެންނެވެ. އައްޑޫގައި ކުޅެން ހަމަޖެހިފައިވާ ގްރޫޕްބީގެ މެޗްތަކުގެ ޓިކެޓް އެސްޓިއޯއިން ވަނީ ގަނެފައެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން 8000 ޓިކެޓް އެސްޓިއޯއިން ގަނެ އައްޑޫ ރައްޔިތުންނަށް ބަހާނެއެވެ.
އެކަމަކު ފުރަތަމަ މެޗުން ފެށިގެން ފަހު މެޗާއި ހަމައަށްވެސް ޓިކެޓްްއަށް ވީ ނުވީއެއް ނޭގެއެވެ. އެކި މީހުން ކިޔަނީ އެކި އެއްޗެއްސެވެ. މަދު ޓިކެޓްކޮޅެއް ދަނޑު ގޭޓުން ކޮންމެ ދުވަހަކުވެސް ބަހައެވެ. މެޗް ކުރިއަށްދާ އިރު ސިޑި ބަރި މުޅީންހެން އޮންނަނީ ހުހަށެވެ. މީހުން ތިބެނީ ދަނޑަށް ނުވަދެވިގެން ގޭޓް ބޭރުގައެވެ.
މުބާރާތުގެ ދެވަނަ މެޗްގައި ޕިލިޕީންސްއާއި އަފްއާނިސްތާން ކުޅެން ހަމަޖެހިފައި އޮތީ މިމަހުގެ 20 ވަނަ ދުވަހުގެ ރޭ 9 ޖަހާއިރުއެވެ. އެކަމަކު މެޗް ކުޅެވުނީ ރޭގަނޑު 10 ޖެހިއިރުއެވެ. ކަނޑު ދަތުރުފަތުރު ހަމަނުޖެހިގެން އަފްޢާން ޓީމް ދަނޑަށް ހާޒިރު ނުވެވިގެން މެޗް ލަސްކުރީއެވެ. ޓްރާންސްޕޯޓަށް ބޭނުން ކުރަމުން ދިޔަ ލޯންޗްތަކަށް މައްސަލަ ޖެހި ޓީމް ހެރެތެރެއިން ފޭދޫއަށް ގެނެވޭނެ ގޮތެެއް ނެތިގެންނެވެ.
އޭގެ ފަހުން ހުވަދޫން ލޯންޗް ފަހަރު ގެނެސް ދަތުރު ފަތުރު ޖެހުނީ ހަމަޖައްސާށެވެ. އަދި އަމިއްލަ ފަރާތްތަކުގެ ބަސްތައްވެސް ނަގައި ދަތުރު ފަތުރަށް ދިމާވި މައްސަލަ ހައްލުކުރެވުނީ ތިން ވަނަ މެޗާއި ހިސާބުންނެވެ.
ހުރިހާ ކަމެއްގައި މައްސަލަ ހުރެ، އިއްޔެ ހަވީރު އައްޑޫގައި ކުޅެން ހަމަޖެހިފައިވާ ފަހު މެޗް ނިންމާލުމަށްފަހު ޓީމްތައް މޮޓޯ ކޭޑްގައި ފޭދޫއަށް ދަތުރު ފެށިއިރު އެންމެންގެ މޫނުމަތިންވެސް ފެނިގެން ދިޔައީ މުބާރާތުގެ ވަރުބަލި ކަމާއި، މައްސަލަތަކެއް ހުރެ ނަމަވެސް ކަންކަން ހައްލު ކޮށް މުބާރާތުގެ މެޗްތައް ނިންމާލެވުމުގެ އިހްސާސްތަކެވެ.
ޓީމްތައް މޮޓޯކޭޑްގައި ނައްޓާލިތާ 7 މިނިޓްވެސް ނުވަނީސް، ދެން ލިބުނީ ޓީމްތައް ދަތުރު ކުރަމުން ދިޔަ ކޭޑް އެކްސިޑެންޓްވެ ކުޅުންތެރިންނަށް ގެއްލުން ލިބުނު ހަބަރެވެ. އެއާއި އެކު ދެން އިވެން ފެށީ އެމްބިއުލާންސްގެ ސައިރަން އަޑެވެ. އެންމެންނަށް ލިބުނީ ކުއްލި ޝޮކެކެވެ.
އަފްޢާނިސްތާން ޓީމްގެ 5 ކުޅުންތެރިންނާއި 2 އޮފިޝަލުންނަށް އެކިވަރުގެ ގެއްލުން ލިބުނު އިރު 5 ފުލުހަކަށްވެސް ވަނީ އަނިޔާވެފައެވެ.
މިހުރިހާ ކަމަކާއި އެކު ޗެލެންޖް ކަޕްގެ އައްޑޫގައި ކުރިއަށް ދިޔަ ގޮތާއި މެދު ވަނީ އެތައް ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާއި ގުޅިގެން އައްޑޫގެ ރައްޔިތުންނަށް ފާޑު ކިޔާ ފަރާތްތައްވެސް ގިނައެވެ. އެއްބަޔަކަށް ޔޫތު މިނިސްޓަރ ފެއިލް ވެފައިވާ އިރު އަނެއް ބަޔަކަށް އެފްއޭއެމްގެ ރައީސް ވަނީ ފެއިލްވެފައެވެ.
ކޮންމެއަކަސް މުބާރާތް ބޭއްވުމުން ލިބުނު އުފަލަށް ވުރެ އައްޑޫއަށް ލިބުނު ބަނދުނާމް މާ ބޮޑެވެ. މިމައްސަލަ ސީރިއަސް ކަމާއި އެކު ތަހްގީގް ކުރަން އެބަޖެހެއެވެ. އެފްއޭއެފް އަދި ޔޫތު މިނިސްޓްރީގެ ޒިއްމާ ވަރަށް ބޮޑެވެ.