ކަރަން ޖޯހަރުގެ "ސްޓޫޑަންޓް އޮފް ދި އިޔާ" އިން ބޮލީވުޑަށް ނިކުތް ޒުވާން ދެ ތަރިން ކަމަށްވާ ވަރޫން ދަވަން އާއި އާލިއާ ބަޓް އަނެއްކާ ވެސް އެއް ފިލްމަކުން ބެލުންތެރިންނާ ހަމައަށް އަންނަން ތައްޔާރުވެއްޖެ އެވެ.
މި ފަހަރު ވެސް ކަރަންގެ ފިލްމަކުންނެވެ. އެކަމަކު ކަރަން މި ފަހަރު ނެގީ ހަމައެކަނި ޕްރޮޑިއުސަރެއްގެ ޒިންމާ އެވެ.
އާލިއާ ވަރުން އެކުގައި ކުޅޭ ދެވަނަ ފިލްމް "ހަމްޕްޓީ ޝަރްމާ ކީ ދުލްހަނިޔާ" ޑައިރެކްޓްކޮށްފައި ވަނީ ޝަޝަންކް ޙައިތާނެވެ.
މި ފިލްމު އަންނަ ޖުލައި މަހުގެ 11 ގައި ސިނަމާތަކަށް ގެންނަން ނިންމާފައިވާ އިރު، ފިލްމުގެ ދެ ޕޯސްޓަރެއް ވެސް މިހާރު ވަނީ އާންމުކޮށްފަ އެވެ.
އެހެން ނަމަވެސް ފިލްމުގެ ޓްރެއިލާ އަދި ބެލުންތެރިންނާ ހަމައަށް އަންނާނެ އިރެއް ނޭނގެ އެެވެ. ބެލުންތެރިން ތިބީ އިންތިޒާރުގަ އެވެ.
ބައެެއް ރިޕޯޓްތައް ބުނާ ގޮތުން "ހަމްޕްޓީ ޝަރްމާ ކީ ދުލްހަނިއާ" އަކީ 1995 ގައި އަދިތިޔާ ޗޯޕްޅާ ޝާހްރުކް ހާނާއި ކާޖޮލް ހިމަނައިގެން ގެނެސް ދިން ވަރުގަދަ ބްލޮކްބަސްޓާ "ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭގޭ" އިން އިންސްޕަޔާކޮށްގެން ހަދާފައިވާ ލޯބީގެ ފިލްމެކެވެ.
މި ފިލްމުގެ ޓެގްލައިނެއްގެ ގޮތުގައި "ފިލްމީ ލަވް ސްޓޯރީ" ގެނެސްފައިވާ އިރު، މިއީ ވަރަށް ހިތްގައިމު ލޯބީގެ ފިލްމަކަށް ވާނެ ކަމަށް މިހާރު ވެސް ގަބޫލް ކުރެވެ އެވެ.
"ހަމްޓީ ޝަރްމާ ކީ ދުލްހަނިއާ" އަކީ މި އަހަރު ރިލީޒްވާ އާލިއާގެ ތިން ވަނަ ފިލްމެވެ. މި އަހަރުގެ މިހާތަނަށް ނިކުތް ފިލްމުތަކުގެ ތެރެއިން އޭނާ ލިޑް ރޯލް ކުޅުނު "ހައިވޭ" އާއި "2 ސްޓޭޓްސް" އަކީ ވަރަށް ކާމިޔާބު ދެވަނަ ފިލްމެވެ.
މީގެ އިތުރުން "ހަމްޕްޓީ ޝަރްމާ ކީ ދުލްހަނިޔާ" ވެގެން ދާނީ ވަރޫންގެ ތިން ވަނަ ފިލްމަށެވެ. މި އަހަރު ނިކުތް އޭނާ ލީޑް ރޯލް ކުޅުނު "މޭ ތޭރާ ހީރޯ" އަކީ ބެލުންތެރިންނަށް ވަރަށް ކަމުދިޔަ ފިލްމެކެވެ.