Last Updated: September 20, 11:17
Friday, September 20, 2024
ޚަބަރު

"އެކްސިޑެންޓާ ގުޅުވައިގެން ބަދުނާމް އެބަ ކުރޭ"

އައްޑޫ ސްޓޭޑިއަމްގައި ކުޅުނު އޭއެފްސީ ޗެލެންޖް ކަޕްގެ ގްރޫޕް ބީ ގެ ފަހު މެޗް ނިންމާލުމަށްފަހު އަފްޣާނިސްތާން ޓީމާއި ލާއޮސް ޓީމް ގޮވައިގެން ފޭދޫ ބަނދަރަށް ދިއުމަށް ދަތުރު ކުރަމުން ދިޔަ މޮޓޯކޭޑް އެކްސިޑެންޓްވެ، ކުޅުންތެރިންނަށް އެކި ވަރުގެ އަނިޔާތައް ލިބިގެން ދިޔަ ހާދިސާގެ ތަޙުގީގު ހިނގަމުން ދަނިކޮށް، މި ހާދިސާ އާ ގުޅޭ ގޮތުން ރާއްޖޭގެ ބައެއް މީޑިއާތަކުންނާއި އަދި ސޯޝަލް މީޑިއާތަކުގައި ރައްޔިތުން ބަދުނާމުވާ ގޮތަށް ވާހަކަ ދައްކަމުންދާ ކަމަށް ބުނެ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބައިނަލް އަޤްވާމީ މިފަދަ ބޮޑު މުބާރާތެއްގެ މެޗްތަކެއް ރާއްޖޭގައި ބޭއްވިގެން ދިއުމަކީ، ދިވެހި އެންމެހާ ރައްޔިތުންނަށް ވެސް ލިބިގެން ދިޔަ އުފަލެއް ކަމަށެވެ.

އަދި މި މުބާރާތުގެ ގްރޫޕް ބީގެ މެޗްތައް އައްޑޫގައި ބޭއްވުމުން މިއީ އައްޑޫ ސިޓީ އަށް ލިބިގެން ދިޔަ ވަރަށް ބޮޑު ފަޚުރެއްވެސްމެއެވެ.

އަދި މެޗް ނިންމާލުމަށްފަހު ޓީމް ދަތުރުކުރަމުން ދަނިކޮށް އެކްސިޑެންޓްވެ ކުޅުންތެރިންނަށް އެކިވަރުގެ އަނިޔާތައް ލިބިގެން ދިޔަ ހާދިސާއަކީ، އައްޑޫސިޓީ ކައުންސިލުން އެކަމާ ހިތާމަކުރާ ކަމެއް ކަމަށެވެ.

ކައުންސިލުން ބައިނަލްއަޤްވާމީ މިފަދަ ބޮޑު މުބާރާތެއްގެ މެޗްތަކެއް ހިނގަމުންދަނިކޮށް މިފަދަ ހިތާމަވެރި ހާދިސާއެއް ހިނގައިގެން ދިއުމަކީ، ބަލައިގަންނަން ފަސޭަހަކަމެއްނޫންކަމަށެވެ.

އަދި މި މުބާރާތުގެ ކަންކަން އިންތިޒާމްކުރި ފަރާތްތަކުން މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބުތައް ބަލައި، ދެންވެސް މި ރާއްޖޭގައި ބޭއްވޭ ބައިނަލް އަޤްވާމީ މުބާރާތެއްގައި މިފަދަ ހިތާމަވެރި ހާދިސާއެއް ހިނގިޔަ ނުދިނުމަށް ކަންކަން ހަރުދަނާ ކުރުމަށް ފިޔަވަޅު އެޅުމަށް ވެސް ގޮވާލާފައިވެ އެވެ.

އެކްސިޑެންޓްގެ ތަހްގީގު ފުލުހުން ފަށާފައިވާއިރު ކަމިޝްނާ އޮފް ޕޮލިސް ހުސެއިން ވަހީދު ވިދާޅުވީ މޮޓޯކޭޑް އެކްސިޑެންޓަކީ ބަޔަކު މީހުން ނުވަތަ މީހަކު ގަސްތުގައި ކުރިކަމެއްކަމަށް ބެލުމުގެ ފުރުޞަތު އެބަ އޮތް ކަމަށެވެ.

ހުސެއިން ވަހީދު ވިދާޅުވީ މި ޙާދިސާ އާ ގުޅިގެން ހިނގައި ދިޔަ ކަންތައްތަކާއި މިހާތަނަށް ކުރެވުނު ތަޙުޤީޤުގެ މަސައްކަތަށް ރިޢާޔަތް ކުރާ އިރު މިއީ ބަޔަކު ނުވަތަ މީހަކު ދުރާލައި ރާވައިގެން ހިންގާފައިވާ ދަށު ދަރަޖައިގެ ޢަމަލެއްކަމަށް ބެލުމުގެ ފުރުޞަތު އޮތުމާ އެކު އެ މައްސަލާއި ގުޅިގެން އެހެންކަމެއް މެދުވެރިވެފައި އޮތްތޯ އިތުރަށް ތަޙްޤީޤު ކުރަމުންދާ ކަމަށެވެ.

"އައްޑޫ ލައިވް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަފްއާނިސްތާން ޓީމް ދަތުރު ކުރި ބަސް ދުއްވަން އިނީ ބަންގްލަދޭޝްގެ ރައްޔިތެކެވެ.