އައްޑޫގެ ވަކިން އޮންނަ ހުޅުމީދޫ ރައްޔިތުން ބުނާ ގޮތުން އެމީހުން ތިބެނީ އެކަހެރިކޮށްލާފައެވެ. ކައުންސިލުން ވެސް އަދި ސަރުކާރުން ވެސް އެމީހުންނާއި އަޅާނުލައެވެ. ހިދްމަތް ފޯރުކޮށްދިނުމުގައި އަބަދުވެސް ތަފާތު ކުރުން ގެންގުޅެ އެވެ.
މި ޝަކުވާތައް މިހާރު ބޮޑުވެގެން އުޅޭ އެއް ސަބަބަކީ ރަށުގެ ބޮޑެތި މަގުތައް ނެހެދި ދިގުލައިގެން ދިއުމެވެ.
ހުޅުމީދޫން ވާހަކަ ދެއްކި މީހަކު ބުނީ އެރަށުގެ މަގުތަކުގައި ދުއްވާ އެއްޗެއް ދުއްވުމަކީ ބޮޑު ތަކްލީފެކެވެ. އަދި އަމުދުން ހިނގާ މީހުންނަށް މާ އުނދަގުލެވެ.
ބޮޑެތި ފެން ވަޅުގަނޑުތައް ހެދިފައި ހުރުމުގެ ސަބަބުން ކިޔަވާ ކުދިންނާއި އެހެނިހެން މީހުން ޖެހެނީ އެ ފެންގަނޑުތަކަށް އެރިގެން ދަތުރު ކުރާށެވެ.
އަދި އަގުބޮޑުކޮށް ގަނެގެން ގެނެސްފައިވާ ވެހިކަލްތަކަށް ބޮޑެތި ގެއްލުން ވަމުންދާތީ އެކަމުގެ ޝަކުވާ ވެސް ވަނީ ބޮޑުވެފައެވެ.
"މީގެ ކުރިން ސަދަން ޔޫޓިލިޓީ އޮތް ދުވަސްވަރު މަގުތައް ބަރާބަރަށް ހަދަމުން ދިޔައީ. ވެލި މަގުތައް ވިއްސާރަ ރަނގަޅުވީމާ ދިޔައީ ހަދަމުން. އެކަމަކު މިހާރު އެކަމެއް ނުހިގާ. މަގު ތަކަކީ ބޮޑު ސިންގާ ކޯރުތައް"
އައްޑޫގެ މަގު ހެދުމާއި ހަވާލުވެފައިވާ މޯލްޑިވްސް ރޯޑް ކޯޕަރޭޝަންގެ އިސް ފަރާތެއްކަމަށްވާ އިބްރާހިމް ރަޝީދު ވަޖުދީ މިއަދު ވިދާޅުވީ ހުޅުމީދޫގެ ވެލި މަގު ހެދުމަށް ސިޓީ ކައުންސިލުން އިއްޔެ އަންގާފައިވާ ކަމަށެވެ.
ނަމަވެސް މަގު ހަދަން ބޭނުންވާ ހުރިހާ މެޝިނަރީއެއް ހުޅުމީދޫއަކު ނެތެވެ. އެހެންވެ އެތަކެތި ޖެހެނީ ހިތަދޫން ހުޅުމީދޫއަށް ގެންދާށެވެ.
އިބްރާހިމް ރަޝީދު ވިދާޅުވީ އެތަކެތި ހުޅުމީދޫއަށް ގެންދިއުމަށް ލެންޑިން ކްރާފްޓެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މަގު ހަދަން ފަށާނެ ތާރީހެއް ރަޝީދު ވިދާޅެއް ނުވެއެވެ.
"އަޅުގަނޑުމެންނަށް އެބަފެނޭ އެހެން ރަށްތަކުގެ މަގުތައް ބަރާބަރަށް ހެދޭ ތަން. އެކަމަކު ހުޅުމީދޫގެ މަގުތަކެއް ނެހެދޭ. މިރަށުގައި ހުންނަ ޕަބްލިކްވޯކްސް ތަނަކު ދުއްވާއެއްޗެއް ނުހުރޭ. ކުރިން ހުރި ތަކެތީގެ ތެރެއިން ބައެއް ތަކެތި ހަލާކުވެފައި. އަނެއް ބައި ސާމާން ފެނަކައިން ގެންގޮސްފި"
ހުޅުމީދޫ މަގު ނެހެދި އޮތުމުގެ ޝަކުވާ ހުޅުދޫ ދާއިރާއަށް އަލަށް އިންތިހާބްވި މުހައްމަދު ޝާހިދް (ޝާޑް) ވެސް ވަނީ ފާހަނގަ ކޮށްފައެވެ.
ޝާޑް ވިދާޅުވީ ޗެލެންޖް ކަޕާއި ގުޅިގެން ހެރެތެރެ ރިސޯޓުގައި ތިބި ޓީމްތައް އުފުލަން ޖެހުނީ ބޮޑެތި ވަޅުގަނޑުގެ ތެރެއިން ކަމަށާއި، އެކަމާއި ހިތާމަ ކުރާ ކަމަށެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ މަގު ތާރަ އަޅައިގެން ހަދާއިރު ހުޅުމީދޫގެ މަގުތައް ހަދާފައިވަނީ ގާ އަތުރައިގެންނެވެ. އަދި ސާކް ސަމިޓަށް ހުޅުމީދޫގެ ހެދި މަގުތަކުގައި އަދިވެސް ވަނީ ޕޭވްމަންޓް ނެހެދިއެވެ.
ރާއްޖޭގެ ނިސްބަތުން އާބާދީ ބޮޑު ހުޅުމީދޫގެ ރައްޔިތުން މިފަދަ ހާލެއްގައި އުޅޭއިރު އަދިވެސް މިކަމަށް ދާއިމީ ހައްލެއް ލިބޭނެ ދުވަހެއް ނޭގެއެވެ.
"ސަރުކާރަށް ދައްކަންޖެހޭ ހުރިހާ ފީއެއް ބަރާބަރަށް އެބަ ނަގާ. އެ ނުދައްކައިފިއްޔާ ބޮޑު އަދަދަކުން ޖުރިމަނާ ކުރޭ. އެކަމަކު ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އެއްވެސް އަސާސީ ހިދްމަތެއް ފޯރުކޮށް ނުދެވޭ"
ކައުންސިލުން ބުނީ މަގު ހެދަމުން ދަނީ ރޯޑް ކޯޕަރޭޝަނުން ކަމަށާއި، މަގު ހެދުމަށް އެކުންފުނީގައި އެދިފައިވާނެކަމަށެވެ.