Last Updated: December 22, 10:31
Sunday, December 22, 2024
ޚަބަރު އެމްޑީޕީ

ނަޝީދު، ރައީސަށް: ބޮނދު ވައްޓާލާފައި، ކުޅިބައި އަލުން އަތުރާ

ރައީސް ސޯލިހާއި، ރައީސް ނަޝީދު - ފޮޓޯ: މުހައްމަދު ޝަރުހާން

ބޮނދު ވައްޓާލުމަށްފަހު، ކުޅިބައި އަލުން އެތުރުން ބުއްދިވެރި ކަމަށް ވިދާޅުވެ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރައްދު ދެއްވައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ނަތީޖާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި އެމަނިކުފާނުގެ ޓީމަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

"[ރައީސް ސޯލިހަށް] ނަތީޖާ އެނގިވަޑައިގަންނަވާނެ. ބުއްދިވެރިގޮތަކަށް ވާނީ ބޮނދު ވައްޓާލައްވާފައި، އަލުން އަނބުރާ ކުޅިބައި އެތުރުން." ރައިސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ރީތިކޮށް ކުޅޭ މީހުން ކުރިއަށްހުރި ހަތަރު ކުޅި ފެނުމުން، އަދި ހުސް ބޮނދަށް ވާތަން ފެނުމުން އަމިއްލައަށް ބޮނދު ވައްޓާލާނެ ކަމަށެވެ. އަދި އެއީ ރިވެތި އުސޫލުކަމަށާއި އެއީ ޑިމޮކްރަޓިކް އުސޫލު ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މިހާލަތުގައި އެމްޑީޕީއަށް ރަނގަޅު ގޮތަކަށް ވާނީ، ސެޕްޓެމްބަރު 9 ވަނަ ދުވަހަށް އެމްޑީޕީގެ ޓީމު ރުކުރުވާލުމަށްފަހު، އެމަނިކުފާނާ އެކުގޮސް އިންތިހާބު ކާމިޔާބުކުރުން ކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ޖެނުއަރީ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން، ފޯރީގައި ކުރިއަށްދާއިރު ރައިސް ނަޝީދާއި ރައީސް ސޯލިހް އަންނަނީ ދެބޭފުޅުންނަށް އެކި ގޮތްގޮތުން ފާޑުވިދާޅުވަމުންނެވެ.