ރާއްޖޭގެ މަޝްހޫރު ސައިކަލް ކުންފުނި ޝީޝާއިން އައްޑޫގެ ރައްޔިތުންނަށް ހަދިޔާ ކުރި ހެލްމެޓްތަށް ކުރިއަށް އޮތް ދުވަސް މިމަހުގެ ތެރޭ ބަހައި ނިންމާނެ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ހާމަކޮށްފިއެވެ.
އައްޑޫގައި ރަސްމީކޮށް މިއަދު ހެލްމެޓްތަށް ބަހަން ފަށާފައިވާއިރު މިކަމަށްޓަކައި ހިތަދޫގެ ސިޓީ ސްކޮޔަރ ސަރަހައްދުގައި ބޭއްވި ރަސްމީއްޔާތުގައި ފުލުހުން ވަނީ ރައްކާތެރި ހެލްމެޓް އެޅުމުގެ މުހިންމު ކަމަށް އަލިއަޅުވާލައްވާފައެވެ. ރަސްމީއްޔާތުގައި ޝީޝާއިން ވަނީ ޝީޝާ ކުންފުނީގެ ފަރާތުން މަގުމަތީ ރައްކާތެރިކަމަށް ކުރެވޭ ކަންކަމުގައި އެއްބާރުލުންދޭ ކަމަށާއި، އެކުންފުނީގެ ފަރާތުން ގެނެސްފައިވަނީ ރާއްޖޭގެ މަގުތަކުގައި ބޭނުން ކުރަން އެންމެ ރައްކާތެރި ހެލްމެޓް ކަމަށް އެކުންފުނިން ފާހަގަ ކުރެއެވެ.
މިރަސްމީއްޔާތަށް ފަހު ހިތަދޫ ޕޮލިސް އިންޗާޖް އަބްދުﷲ އިބްރާހިމް ވިދާޅުވީ، މި ހެލްމެޓްތަކަކީ މިދިޔަ ސެޕްޓެމްބަރު މަހު ހެލްމެޓް ޤަވާއިދު އައްޑޫގައި ތަންފީޒު ކުރަން ފެށުމާއި އެކު ބަހަން ގެނައި ހެލްމެޓްތަށް ކަމަށެވެ. ނަމަވެސް، އައްޑޫއަށް ހެލްމެޓްތަށް ގެނައުމަށް ލަސްވެގެން ދިޔަޔަސް އެންމެ މިފަދަ ހެލްމެޓް އެންމެ ބޭނުންވާ ފަރާތްތަކާއި ހަމައަށް ފުލުހުން ފޯރުކޮށްދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
ޑީޑީ ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި އައްޑޫގެ ލިންކް ރޯޑުގައި ދުއްވާ ފަރާތްތަކަށް ހެލްމެޓްތަށް ފުލުހުން ފޯރުކޮށްދޭނެ ކަމަށެވެ. އަދި ހެލްމެޓް ދޭއިރު މަގުމަތީގެ ރައްކާތެރި ކަމާއި ގުޅޭގޮތުންވެސް އާންމުންނަށް މައުލޫމާތު ފޯރުކޮށްދޭނެ ކަމަށެވެ.
ޝީޝާ ކުންފުނިން އައްޑޫގެ ރައްޔިތުންނަށް ބަހަން 500 ހެލްމެޓް ހަދިޔާކޮށްފައިވާއިރު، ކުޑަ ކުދިންނާއި ބޮޑެތި މީހުންގެ ހެލްމެޓްތަށްވެސް ހިމެނެއެވެ.
އައްޑޫގައި ހެލްމެޓް ބަހަން މިއަދު ފަށާފައިވާއިރު، ހިތަދޫގައި މިއަދު ވަނީ 70 ހެލްމެޓް ބަހާފައެވެ. އަދި މި ހެލްމެޓްތަށް ބަލައި ގިނަ އަދަދެއްގެ މީހުން ވަނީ އެ ސަރަހައްދަށް ޖަމާވެފައެވެ. ހެލްމެޓް ދީފައިވަނީ ޤަވާއިދަށް ނުފެތޭ ހެލްމެޓުގެ ބަދަލުގައެވެ.
މިއަދު ހެލްމެޓް ނުލިބުނު ފަރާތްތަކަށްވެސް ކުރިއަށް ދުވަސްތަކުގައި އެކި ސަރަަހައްދުތަކުގައި ފުލުހުން ހެލްމެޓް ބެހުމުގެ މަސައްކަތް ކުރާނެ ކަމަށާއި ޖެނުއަރީ މަސް ނިމުމުގެ ކުރީން ހުރިހާ ހެލްމެޓެއް ބަހައި ނިންމާނެ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.