ކުނިން ހަކަތަ އުފައްދަން އައްޑޫގައި އިންސްޓޯލްކުރަމުން އަންނަ ޕްލާންޓްގެ މަސައްކަތް ނިމުމަކާ ގާތަށް ގޮސްފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފި އެވެ.
މި ޕްލާންޓް އިންސްޓޯލްލުރުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގަ އެވެ. މިނިސްޓްރީން ބުނީ އެ ޕްލާންޓުގެ އިންސްޓޯލޭޝަން މަސައްކަތުގެ 95 ޕަސެންޓު މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރަމުން ދަނީ އެ ޕްލާންޓު ހިންގުމަށްޓަކައި ހަދަންޖެހޭ ކޮންޓްރޯލް އިމާރާތާއި ވޭސްޓު އިންޓޭކު ބިލްޑިންގެ މަސައްކަތް ކަމަށް މިނިސްޓްރީން ބުނެ އެވެ.
ރާއްޖޭން ބޭރުން ޑިޒައިންކޮށް އުފައްދާފައިވާ "ވޭސްޓް ޓު އެނާޖީ ޕްލާންޓް" އަކީ ދުވާލަކު 50 ޓަނުގެ ކުނި އަންދައިގެން ހަކަތަ އުފެއްދޭ ފަރުމާކޮށްފައިވާ އެއްޗެކެވެ. އަދި އެއިން 1.5 މެގަވޮޓްގެ ކަރަންޓު އުފައްދާނެ އެވެ. މި މަސައްކަތުގެ ކޮންޓްރެކްޓަރަކީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ސީއެންޓީ85 އެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ އެއިން އުފައްދާ ކަރަންޓްގެ ތެރެއިން އެއް މެގަވޮޓް އައްޑޫގެ ގުޅިފައިވާ އަވަށްތަކަށް ކަރަންޓްދޭން ފެނަކަ އިން ހިންގާ މަރުކަޒީ އިންޖީނުގެއަށް ފީޑްކޮށްދޭނެ ކަމަށާއި ބާކީ 500 ކިލޯވޮޓް ބޭނުން ކުރާނީ ފެސިލިޓީގެ ބޭނުންތަކަށް ކަމަށެވެ.
"ވޭސްޓް ޓު އެނާޖީ ޕްލާންޓް" އަކީ ގްރީން ޓެކްސް ފަންޑުގެ ހަރަދުގައި ކުރިއަށްގެންދާ މަޝްރޫއުއެކެވެ. މި އަހަރުގެ ބަޖެޓުގައި މި މަޝްރޫއު އަށް 16 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ.