ދުނިޔޭގައި ދުންފަތުގެ އިސްތިއުމާލް ކުރުން ވަރަށް މައްޗަށް ދިއުމަށް ފަހު އާންމުންގެ ހޭލުންތެރިކަމާ އެކު އެކަން ދަށަށް ގެނެވުނެވެ.
ރާއްޖޭގައި ދުންފަތުގެ ނުރައްކާތެރިކަމާ ދެކޮޅަށް އާންމުން ހޭލުންތެރި ކުރުވުމަށް ސަރުކާރުން 1980 ގެ އަހަރުތަކުގެ ކުރީކޮޅުން ފެށިގެން ކުރިއަށް ގެންދިޔަ ކެމްޕޭނުގައި ހިމެނޭ ބައެއް ކަންކަން ދުނިޔޭގެ ބައެއް ގައުމުތަކުން ފެންނަން ފެށީ އަދި އިހަކަށް ދުވަހު އެވެ.
މިސާލަކަށް އޭސީކޮށްފައި ހުންނަ ރެސްޓޯރެންޓްތަކުގައި ދުންފަތުގެ އިސްތިއުމާލް ކުރުން ރާއްޖޭގައި ކުރިންސުރެ އޮތީ މަނާވެފަ އެވެ. އެކަމަކު ތަރައްގީވެފައިވާ ބައެއް ގައުމުތަކުގައި އެކަން މަނާކުރީ ދާދި ފަހުންނެވެ.
ދުންފަތުގެ ނުރައްކާތެރިކަމާ ބެހޭ ގޮތުން ހޭލުންތެރިކަން ބޮޑުކުރަން ރާއްޖޭގައި ހިންގި ކެމްޕޭނުގެ ފައިދާތަކެއް ވެސް އޭރު ކުރި އެވެ. އެކަމަކު މިހާރު ތިން ވަނަ ދުނިޔެ އާއި ތަރައްގީވަމުން އަންނަ ގައުމުތަކުގައި ބޮޑުވަމުން އަންނަ މައްސަލަ ރާއްޖޭގެ ޒުވާނުންގެ ތެރެއިން ވަރަށް އާންމުކޮށް ފެނެ އެވެ.
ދެ ޖިންސުގެ ޒުވާނުން އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލް ކުރުމަކީ މިހާރު އާންމު ކަމެކެވެ. ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލް ކުރުމާ މެދު މި ފަހުން ރަނގަޅު ދިރާސާތަކެއް ކޮށްފައި ނުވާތީ، އެ އާދައިގެ ހަގީގީ މަންޒަރެއް ފެންނަވަރެއް ނުވެ އެވެ.
ދުންފަތުގެ އިސްތިއުމާލްކުރުމާއި އިސްލާމް ދީނާ ދެމެދު ހުރި ގުޅުން ދާދި ފަހުން ކެނެޑާގެ ދީނީ އިލްމުވެރިޔާ ޑރ. އަބޫ އަމީނާ ބިލާލް ފިލިޕްސް ވަނީ ދައްކަވައިފަ އެވެ.
އޭނާ ވިދާޅުވި ގޮތުން ނަމަ އިސްލާމް ދީނުގެ އިލްމުވެރިންގެ ނަޒަރުގައި ދުންފަތުގެ އިސްތިއުމާލްކުރުމަކީ ހަރާމް ކަމެކެވެ.
އެގޮތަށް ހަރާމް ވަނީ ދުންފަތުގެ ސަބަބުން ކެންސަރު ޖެހުމާއި އަދި ކެންސަރަކީ މީހާ މަރާލާ ބައްޔަކަށް ވާތީ ކަމަށް ޑރ. ބިލާލް ވިދާޅުވި އެވެ. އެހެންކަމުން އިންސާނާގެ ފުރާނަ އަށް ގެއްލުން ހުރި ކަމެއް ކުރުމަކީ ދީނީ ގޮތުން ބަލާ އިރު ހުއްދަވާނެ ކަމެއް ނޫންކަން އޭނާ ފާހަގަކުރެއްވި އެވެ.
ދުންފަތުގެ ސަބަބުން ވަރަށް ނުރައްކާތެރި ހާލަތަކަށް ތިމާގެ ސިއްހަތު ގެންދެ އެވެ. ދީނީ ގޮތުންނާއި ދުނިޔެވީ ގޮތުން ވެސް އެއީ ގޯސް އަމަލެއް ކަމާ މެދަކު ޝައްކައް ނެތެވެ.
ދުންފަތާ ހެދި ގިނަ ގައުމުތަކުގެ ސިއްހީ ހޭދަކުރުން ވަނީ ބޮޑުވެފަ އެވެ. އެހެންކަމުން ހޭލުންތެރިކަން ބޮޑުކޮށް، ދުންފަތުގެ އިސްތިއުމާލް ކުރުމުން ދިވެހި މުޖުތަމައު ސަލާމަތް ކުރަން މަސައްކަތް ކުރުމަކީ ގައުމީ ވާޖިބެކެވެ.