Last Updated: November 26, 19:16
Tuesday, November 26, 2024
މުނިފޫހިފިލުވުން

"އިންޓަޗަބަލްސް" ގެ ހިންދީ ރިމެކިންއެއް

ހޮލީވުޑްގެ މަޝްހޫރު ފިލްމެއް ކަމަށްވާ "ދި އިންޓަޗަބަލްސް" ގެ ހިންދީ ރިމެކިންއެއް ހަދާ ގޮތަށް ނިންމައިފި އެވެ.

މި ފިލްމް ޕްރޮޑިއުސް ކުރަނީ ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަނާއި ގުނީތު މޮންގާގެ ސިކިއާ އެންޓަޓައިންމަންޓް ގުޅިގެންނެވެ.

ކަރަން ވަނީ މީގެ ކުރިން ވެސް ހޮލީވުޑްގެ މަޝްހޫރު ފިލްމެއް ކަމަށްވާ "ސްޓެޕް މޮމް" ގެ ރިމެކިންއެެއް ބެލުންތެރިންނާ ހަމައަށް ގެނެސް ދީފަ އެވެ. އެއީ 2011 ގަ އެެވެ.

ފްރެންކޮއިސް ކުލުޒެޓާއި އޮމަރު ސައި ލީޑް ރޯލް ކުޅެ، 2012 ގައި ބެލުންތެރިންނާ ހަމައަށް އައި "ދި އިންޓަޗަބަލްސް" އަކީ ހެއްވާ މަޖާ ހާދިސާތަކެއް ދައްކުވައިދޭ ފްރާންސްގެ ފިލްމެކެވެ.

120X160 INTOUCHABLES ok.indd

މި ފިލްމުގެ ހިންދީ ރިމެކިންއެއް ހަދަން ނިންމާފައިވާ އިރު، ފިލްމުގެ ޑައިރެެކްޓަރަކަށް ހަމަޖައްސާފައި ވަނީ "އާޝިގީ 2" ޑައިރެކްޓަރު މޯހިތު ސޯރީ އެވެ. އެކަން ކަރަން ވެސް ވަނީ ޓްވިޓާ މެދުވެރިކޮށް ކަށަވަރުކޮށް ދީފަ އެވެ.

ކުރިން މުޅިން ވެސް ބަޓް ކޭމްޕްގެ ފިލްމްތައް ޑައިރެކްޓް ކުރަމުން ދިޔަ މޯހިތަކީ މިހާރު، ބޮލީވުޑްގެ ޕްރޮޑިއުސަރުން އެންމެ ބޮޑަށް ކަޅި އަމާޒު ކުރާ، އެންމެ ޑިމާންޑް ބޮޑު ޑައިރެކްޓަރެވެ.

އޭނާ ޑައިރެކްޓްކޮށްފައިވާ "އެެކް ވިލަން" ވެސް މިހާރު އޮތީ ބެލުންތެރިންނާ ހަމައަށް އައުމުގެ މަގުމަތީގަ އެވެ.

ބަލާޖީން ޕްރޮޑިއުސް ކުރި "އެކް ވިލަން" ސިނަމާތަކަށް އަންނާނީ އަންނަ މަހު އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މޯހިތު މިހާރު އަންނަނީ "ދި އިންޓަޗަބަލްސް" ގެ ސްކްރިޕްޓްގެ މަސައްކަތް ކުރަމުންނެވެ. އަދި މި ފިލްމުގެ މުހިއްމު ދެ ރޯލަށް ސައިފް އަލީ ހާނާއި ވަރޫން ދަވަން އަށް ވަނީ ހުށަހަޅައިފަ އެވެ.

ނަމަވެސް އެކަން ކަރަން ކަށަވަރެއް ނުކޮށްދެ އެވެ.