Last Updated: December 4, 20:51
Wednesday, December 4, 2024
ޚަބަރު

މުސްކުޅިންގެ އިނާޔަތް ދޭން ފެށީ މައުމޫނުގެ ވެރިކަމުގައި

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް - ފޮޓޯ: މަޖިލިސް

އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ޕެންޝަންގެ ގޮތުގައި ފައިސާ ދޭން ފެށީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އޭރު އޮތް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޤާނޫނެއްގެ ދަށުން ކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ފޯރި ގަދަވެފައިވާއިރު، ރައިސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރާ ފަރާތްތަކާއި ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ ފަރާތްތަކާއި ދެމެދު އަންނަނީ ބަހުގެ ހަމަލާތައް ބަދަލުކުރަމުންނެވެ.

އެގޮތުން ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މުސްކުޅިންނަށް ޕެންޝަން ފައިސާ ދޭން ފެށީ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ޕެންޝަން ޤާނޫނުގެ ދަށުން ކަމަށެވެ. އެ ޤާނޫނު މަޖިލީހަށް ހުށަހެޅީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ކަމަށް ޝަރީފް ވިދާޅުވިއެވެ.

"މި ހަގީގަތް އޮޅުވާލަން ބަޔަކު ވަރަށް މަސައްކަތް ކޮށްފައި އޮތީ، އަދިވެސް ކުރަމުން ދަނީ." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް މިހެން ވިދާޅުވިނަމަވެސް ދޮށީ އުމުރުގެ މީހުންނަށް އިނާޔަތެއް ދޭން ފެށީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. ރައީސް ނަޝީދަށް ތާއީދުކުރާ ގިނަ ފަރާތްތަކަކުން އެމަނިކުފާނުގެ ވެރިކަމުގައި ކޮށްފައިވާ މިފަދަ ކަންކަން ފާހަގަކުރާއިރު ރައީސް ސޯލިހާއި އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކުން މި ކެމްޕޭންގެ ތެރޭގައި އަންނަނީ އެކަންކަމާ ގުޅޭގޮތުން އެހެން ގޮތްގޮތަށް ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން އިއްޔެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ، ގެސްޓް ހައުސް ވިޔަފާރި ފެށީ ރައިސް މައުމޫންގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގަރާރަކުން ކަމަށް ވިދާޅުވެ އެކަމަކީ ރައީސް ނަޝީދުގެ ވެރިކަމުގައި ކުރެއްވި ކަމެއް ނޫންކަމަށް ދޭހަވާ މޭރުމުން ވާހަކަ ދައްކަވާފައެވެ.