Last Updated: December 22, 10:33
Sunday, December 22, 2024
ޚަބަރު އެމްޑީޕީ

އިދިކޮޅުން ޕްރައިމަރީ ގަޑުބަޑުކުރަން އުޅޭކަމަށް ތުހުމަތުކޮށްފި

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީގެ ޕްރައިމަރީ ގަޑުބަޑުކުރުމަށް އިދިކޮޅުން އުޅޭކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތުުހުމަތު ކުރައްވައިފިއެވެ.

ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް އއ. މާޅޮހަށް ވަޑައިގެން އެރަށު އެމްޑީޕީގެ މެންބަރުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، މި ޕްރައިމަރީއަކީ އެމްޑީޕީގެ އެތެރޭގެ ޕްރައިމަރީއެއް ނަމަވެސް މީގެތެރޭގައި "އެހެން ކުލަތައް" ޖެހެމުން އަންނަ ކަމަށެވެ.

"ވިސްނަވަންވާނެ އެކަމާ ދޭތެރޭ. ބޭނުމަކީ ކޮބައިކަން، ބައެއް ރަށްރަށުން އެމަންޒަރު މިހާރު ފެންނަމުން އެބަދޭ." ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެކުރަމުން ގެންދާ ކަންތަކާމެދު އެމްޑީޕީގެ މެންބަރުން ވިސްނަންޖެހޭނެ ކަމަށެވެ. އިދިކޮޅުން ކުރަމުންގެންދާ ކަންތައްތަކަކީ އެމްޑީޕީއަށް ވެރިކަމުގައި އޮވެވެން އޮތުމުން އެކަމަށް ހުރަސްއެޅުމަށް ކުރާ ކަމެއްކަމަށް ވެސް ވިދާޅުވިއެވެ.

"ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ކިރިޔާވެސް، އެބޭފުޅުންނަށް ވާދަ ކޮށްލެވެން އޮތީ މީގެތެރެއަށް ވަދެ މި ގަޑުބަޑު ކޮށްގެން ކަމަށް ފެންނާތީ އެބޭފުޅުން ނިކުމެ އެތިބީ." ރައީސް ސޯލިހް ވިދާޅުވިއެވެ.

އެމްޑީޕީއަކީ ޑިމޮކްރަޓިކް ޕާޓީއެއްކަން ފާހަގަކޮށް ރައީސް ސޯލިހް ވިދާޅުވީ އެމްޑީޕީން ވަރަށް ފުރިހަމަ ޑިމޮކްރަޓިކް ނަމޫނާއެއް ދައްކަމުން އަންނަ ކަމަށެވެ.

އެތެރޭގެ އިންތިހާބުތަކަކީ އަބަދުވެސް ވާދަވެރި އިންތިހާބުތަކެއް ކަމަށާއި މި ޕްރައިމަރީއަކީ ވެސް ވާދަވެރި ނަމުނާ ޕްރައިމަރީއެއް ކަމަށެވެ. އެގޮތުން މި ޕްރައިމަރީ ގަޑުބަޑުކޮށް، ރިޔާސީ އިންތިހާބުގައި ވާދަ ކޮށްލެވޭނެ ކިރިޔާވެސް ފުރުސަތެއް އޮތް ގޮތަށް އަނބުރާލުމަށްޓަކައި ބަޔަކު މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.