މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ގުޅޭ 500 އަށްވުރެއް ގިނަ ޝަކުވާ ހުށަހަޅާފައިވާ ކަމަށް އިންތިހާބާ ބެހޭ ކޮމިޓީން ބުނެފިއެވެ.
ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ގުޅޭގޮތުން، ޕްރައިމަރީއަށް ހޮވި ފަސް މެންބަރުންގެ ކޮމިޓީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަނަސް އަބްދުއްސައްތާރު ވިދާޅުވީ މި އިންތިހާބަށް ހާއްސަ ޝަކުވާ ބަލާ ކޮމިޓީއެއް އެކުލަވާލާފައިވާނެ ކަމަށެވެ.
އެގޮތުން މިހާތަށް 555 ޝަކުވާއެއް ހުށަހަޅާފައިވާ ކަމަށާއި، އެހުރިހާ ޝަކުވާއަކަށް ވެސް ޖަވާބު ދީފައިވާނެ ކަމަށެވެ. އަދި ހުށަހަޅާ ޝަކުވާއާ ގުޅިގެން ދޭ ޖަވާބާ މެދު ހިތްހަމަ ނުހެޖެހޭނަމަ އެކަންވެސް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އެގޮތަށް ހުށަހަޅާ ޝަކުވާތަކަށްވެސް ޖަވާބު ދޭނެ ކަމަށް އަނަސް ވިދާޅުވިއެވެ.
ހުށަހަޅާފައިވާ ޝަކުވާތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އަނަސް ވިދާޅުވީ މައިގަނޑު ގޮތެއްގައި ހުރީ ވޯޓާޒް ލިސްޓުގައި ނަން ނެތިގެން ހުށަހަޅާފައިވާ ޝަކުވާތައް ކަމަށެވެ.
އަނަސް ވިދާޅުވީ އިންތިހާބު ކުރިއަށްދާ ވަގުތުވެސް ޝަކުވާ ހުށަހެޅޭނެ ކަމަށާއި، އަދި އެދުވަހުވެސް ހުށަހަޅާ ޝަކުވާތަކަށް ޖަވާބުދާރީވަމުން ދާނެ ކަމަށެވެ.
ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހެނދުނު 09:00 އިން ހަވީރު 05:00 އަށެވެ.
ޕްރައިމަރީގައި ވާދަކުރައްވާ ރައީސް މުހައްމަދު ނަޝީދު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕޭން ފޯރީގައި ކުރިއަށް ގެންދާއިރު، ދެ ކަނޑިޑޭޓުންވެސް ކެމްޕޭން ނިންމުމަށް ބާއްވާ ޖަލްސާ މިރޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.