Last Updated: March 22, 09:29
Saturday, March 22, 2025
ޚަބަރު

"އަހަރެމެންގެ ކެނޑިޑޭޓަކީ ރައީސް ޔާމީން"

ފޮޓޯ: ރައީސް އޮފީސް

ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓަކީ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް މާލެސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރުގެ މަގާމު ފުރުއްވި މުއިއްޒު މިފަދައިން ޓްވީޓް ކުރައްވާފައި މިވަނީ ޕީޕީއެމްގެ ރިޔާސީ ޓިކެޓާ ގުޅޭގޮތުން އެކި ފަރާތްތަކުން އެކި ގޮތްގޮތަށް ވާހަކަ ދައްކަމުން ދަނިކޮށެވެ.

އެގޮތުން މުއިއްޒު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ، ފާޑުފާޑު ޕޯލްތައް ހަދާނެ ކަމެއްނެތް ކަމަށާއި، ކެނޑިޑޭޓަކީ ރައީސް ޔާމީން ކަމަށެވެ.

މުއިއްޒު މިފަދައިން ވިދާޅުވިއިރު ރައީސް ޔާމީން ހުންނެވީ މަނީލޯންޑްރިން އަދި ރިޝްވަތުނެގިކަން ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއްގައެވެ. އަދި އެމަނިކުފާނަށް ރިޔާސީ ޕްރައިމަރީގައި ވާދަކުރެވުމަކީ ނާދިރުކަމެއްކަމަށް ގިނަ ފަރާތްތަކަކުން ދެކެއެވެ. އެހެންނަމަވެސް ޕީޕީއެމުން އަންނަނީ އެ ޕާޓީގެ ކެނޑިޑޭޓަކީ ރައީސް ޔާމީން ކަމަށް ބުނަމުންނެވެ.

މިދަނޑިވަޅުގައި ޕީޕީއެމްގެ ރިޔާސީ ޓިކެޓާ ގުޅޭގޮތުން ސިޔާސީ އެކި ވާހަކަތައް ދެކެވެއެވެ. އެގޮތުން މޭޔަރު މުއިއްޒު، ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު އަދި ތ. ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން ޕީޕީއެމްގެ ޓިކެޓަށް ފައި ނަންގަވައިގެން ތިއްބެވިކަމަށް ވާހަކަ ދެކެވެއެވެ. އަދި ރައީސް ޔާމީންގެ ދޮށީ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީން ވެސް ރިޔާސީ ޓިކެޓަށް ތައްޔާރަށް ހުންނެވިކަމުގެ އަޑުތަކެއް ފެތުރިފައިވެއެވެ.