ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރިތިކް ރޯޝަން ހޮލީވުޑްގެ ފިލްމެއް ކުޅެން ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ރިޕޯޓްތައް ބުނާ ގޮތުން މާ ދުރު ނޫން މުސްތަގުބަލެއްްގައި ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ރިތިކް ހޮލީވުޑްގެ ފިލްމަކުން ފެނުނުގެ ފުރުސަތު ބޮޑެވެ. އަދި އެކަމަށް އަޅަން ޖެހޭ ފުރަތަމަ ފިޔަވަޅު ވެސް މިހާރު ވަނީ އަޅައިފަ އެވެ.
އެއީ ހޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ރޮބް ކޯހެން އާ އެކުގަ އެވެ. ބޮލީވުޑްގެ ހަބަރުތައް ބުނާ ގޮތުން ރޮބް ދާދި ފަހުން މުމްބާއީ އަށް ކުރި ދަތުރެއްގައި ރޯޝަން އާއިލާ އާ ބައްދަލުކޮށް، ރިތިކްގެ ހޮލީވުޑް ޕްރޮޖެކްޓާ ބެހޭ ގޮތުން ވަނީ ވާހަކަ ދައްކައިފަ އެވެ.
އެހެންވެ ލަފާ ކުރެވޭ ގޮތުން ރޮބްގެ ކުރިއަށް އޮތް ފިލްމުގެ ލިޑް ރޯލުން ރިތިކް ފެނުމުގެ ފުރުސަތު ވަރަށް ބޮޑެވެ.
ރޮބްއަކީ "ފާސްޓް އެންޑް ފިއުރިއަސް"، "ޑްރަގަންހާޓް"، "މަމީ: ޓޮމްބް އޮފް ދަ ޑްރަގަން އެމްޕެރާ" ފަދަ ފިލްމުތައް ބެލުންތެރިންނާ ހަމައަށް ގެނެސް ދީފައިވާ ޑައިރެކްޓަރެެވެ.
ބޮލީވުޑުން ހޮލީވުޑުން ރިތިކް ހިޖުރަ ކުރުމަކީ ގިނަ ބަޔަކަށް މާ ބޮޑު ހައިރާނަކަށް ނުވާނެ އެވެ. ސަބަބަކީ އޭނާ އަށް ލިބިފައިވާ ރީތި ސިފަ އާއި ވަރުގަދަ ހަށިގަނޑަކީ ހޮލީވުޑްގެ ފިލްމަކަށް ވަރަށް ފައްކާ ވާނެ ސިފަތަކެއް ކަމަށް ގިނަ ބަޔަކު ގަބޫލް ކުރުމެވެ.
އެހެންވެ ދެން އޮތީ ރިތިކް ހޮލީވުޑްގެ ފިލްމަކާ އެކު ބޮޑު ސްކްރީނުން ފެންނާނެ އިރަކަށް އިންތިޒާރުކޮށްލުމެވެ.
ރިތިކްްްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރެއިން އެންމެ އަވަހަށް ރިލީޒްވާން އޮތް ފިލްމަކީ އޮކްޓޯބަރު މަހު ރިލީޒް ކުރަން ހަމަޖެހިފައިވާ "ބޭންގް ބޭންގް" އެވެ. އެއީ ކެޓްރީނާ ކެއިފާ އެކުގަ އެވެ.