މާލޭ ސިޓީ ކައުންސިލުން ކަރަންޓު ބިލަށް 21.6 މިލިއަން ރުފިޔާ ނުދައްކާ އެބަ އޮތްކަމަށް ސްޓެލްކޯގެ އެމްޑީ އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ މާލޭ ސިޓީ ކައުންސިލްގެ ބައެއް ތަންތަނުން ސްޓެލްކޯއިން ކަރަންޓު ކަނޑާލީ ސިޓީ ކައުންސިލުން ކަރަންޓް ބިލު ނުދައްކާ އޮތުމުން ކަމަށެވެ.
އެގޮތުން 13 ޖެނުއަރީ 2022 ގައި މާލެ ސިޓީ ކައުންސިލަށް ސިޓީއެއް ފޮނުވި ކަމަށާއި، އަދި އޭރު ކަރަންޓު ބިލުގެ ގޮތުގައި ނުދައްކާ އޮތް 14.5 މިލިއަން ރުފިޔާ ދެއްކުމަށްއެދުނު ކަމަށް ޝަރީފް ވިދާޅުވިއެވެ. އެސިޓީއާ ގުޅިގެން ސިޓީ ކައުންސިލުން އެއްބަސްވީ 7 ޕޭމަންޓަކަށް ބަހާލައިގެން އެ ފައިސާ ދެއްކުމަށް ކަމަށާއި އެހެންނަމަވެސް އެ އެއްބަސްވުމާ އެއްގޮތަށް އެއްވެސް ވަރަކަށް ފައިސާ ދައްކާފައިނުވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި 14 އޭޕްރިލް 2022 ގައި އެގްރިމެންޓާ އެއްގޮތަށް ފައިސާ ދެއްކުމަށްއެދި ސިޓީ ކައުންސިލަށް ސްޓެލްކޯއިން ސިޓީއެއް ފޮނުވިކަންވެސް ޝަރީފް ފާހަގަ ކުރެއްވިއެވެ.
މީގެފަހުން 10 އޮކްޓޫބަރު 2022 ގައި ސްޓެލްކޯއިން ސްޓެލްކޯއަށް ސިޓީއެއް ފޮނުވާ، ކަރަންޓު ބިލަށް 18 މިލިއަން ރުފިޔާ އަރައިފައިވާކަމާ އެ ފައިސާ ދެއްކުމަށްއެދިފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި 4 ޑިސެމްބަރި 2022 ގައި ސިޓީއެއް ފޮނުވި ކަމަށާއި އޭރު ކަރަންޓު ބިލަށް އަރާފައިވާ 19 މިލިއަނަށް ރުފިޔާ ދެއްކުމަށް އެދުނުކަންވެސް ފާހަގަކުރިއެވެ. އޭގެފަހުން 14 ޑިސެމްބަރުގައި މާލެސިޓީ ކައުންސިލަށް ސިޓީ އެއް ފޮނުވާ، ފައިސާ ދެއްކުމަށް އެންގުނު ކަމަށާއި ފައިސާ ނުދައްކާނަމަ ކަރަންޓު ކަނޑާލަންޖެހިދާނެކަން އެންގިކަންވެސް ޝަރީފް ފާހަގަކުރިއެވެ.
"މިއަދާ ހަމައަށްއައިއިރު ސިޓީ ކައުންސިލުން ސްޓެލްކޯއަށް ދައްކަން އެބަޖެހޭ 21،682،595 ރުފިޔާ. މިއީ ޖެނުއަރީ މަހުގެ ނިޔަލަށް މާލޭ ސިޓީ ކައުންސިލުން ދައްކަންޖެހޭ ފައިސާގެ އަދަދު." ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ސްޓެލްކޯއިން ކަަރަންޓު ކަނޑާލީ ސިޓީ ކައުންސިލުން ވިޔަފާރި އުސޫލުން ކުއްޔަށްދޭތަންތަނުގައާއި އާމްދަނީ ހޯދުމަށްޓަކައި ކަރަންޓު ވިއްކައިގެން އާމްދަނީ ހޯދާ ތަންތަނާއި އަދި ސިޓީ ކައުންސިލްގެ ބައެއް އޮފީސް އިމާރާތްތަކުން ކަމަށެވެ. ޝަރީފް ވިދާޅުވީ އާމްދަނީއެއް ހޯދާ ކަމަށްވާނަމަ އެ އާމްދަނީގެ ތެރެއިން ކަރަންޓު ބިލުގެ ފައިސާ ލިބެންވާނެ ކަމަށް ދެކޭކަމަށެވެ.
މީގެއިތުރުން ޝަރީފް ވިދާޅުވީ މިސްކިތްތަކުން ކަރަންޓު ކަނޑާލާނެކަމުގެ އިންޒާރު ސިޓީ ކައުންސިލަށް ނުދޭކަމަށެވެ.
ސްޓެލްކޯއިން ސިޓީ ކައުންސިލަށް 68 މިލިއަން ރުފިޔާ ދައްކަންޖެހޭކަމަށް ސިޓީ ކައުންސިލުން ފާހަގަކުރާ ވާހަކައާ ގުޅިގެން ޝަރީފް ވިދާޅުވީ އެ އަަދަދަކީ ސްޓެލްކޯ ހުންނަ އިމާރާތުގެ ބިމާ އެހެންވެސް ބިންތަކުގެ ކުއްޔަށް އަރާވަރުކަމަށް ސިޓީ ކައުންސިލުން ބުނާ ކަމަށެވެ. ޝަރީފް ވިދާޅުވީ 68 މިލިއަން ސްޓެލްކޯއިން ދައްކަން ނުޖެހޭނެ ކަމަށާއި އެއްޗެއް ދައްކަންޖެހުނު ނަމަވެސް އެ އަދަދެއް މީރާއަށް ދައްކާ ނިންމާފައިވާނެ ކަމަށެވެ.
"އެހެންވީމަ ސިޓީ ކައުންސިލަށް އަޅުގަނޑުމެންގެ މި ހިދުމަތުގެ ބޭނުންކޮށްފަ އެ ހިދުމަތުގެ އަގު ދައްކަންނުޖެހޭނެ އެއްވެސް ބަހަނާއެއްނެތް. އެހެންވީމާ އަޅުގަނޑު ގޮވާލާނީ ސިޓީ ކައުންސިލުން ޕްރެސްތަކަށް އަރާ ފާޑުފާޑުގެ ވާހަކަ ދައްކަވާނެ ކަމެއްނެތް. އަވަހަށް ބިލް ދައްކަވާ." ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ސިޓީ ކައުންސިލުން ބިލު ނުދައްކާ ކަމަށްވާނަމަ ކުރިއަށް އޮތްތަނުގައިވެސް ކަރަންޓު ކަނޑާނެ ކަމަށެވެ. އަދި ކަރަންޓު ބިލު ނުދެއްކުމަށް ސިޓީ ކައުންސިލަށް ދެއްކޭނެ އެއްވެސް ބަހަނާއެއް ނެތްކަމަށް ވިދާޅުވިއެވެ.