ހަށިގަނޑުގެ ބަރުދަން ލުއި ކުރުމަށް އެންމެ ރަނގަޅު ގޮތަކީ ހަށިގަނޑަށް ފައިދާ ހުރި ކަނާ ކެއުމާ އެކު ކަސްރަތު ކުރުމެވެ.
ނަމަވެސް ހަށިގަނޑުގައި ޖަހާ މަސްތައް އަވަސްކޮށް ވިރުވާލުމަށް ބޭނުން ކުރެވިދާނެ ބުއިންތައް ހުރެ އެވެ. އޭގެ ތެރެއިން ފަސޭހަކަމާ އެކު ތައްޔާރު ކުރެވިދާނެ ފަސް ބުއިމެެއް މި ލިއުމުގައު ހިމަލާނަމެވެ.
މި ބުއިންތަކަކީ އޭގެ އަސަރު ވަރަށް އަވަހަށް ފެންނަ ބުއިންތަކެކެވެ.
1. ހަށިގަނޑުގައި އުފައްދާ ވިހަ ކެމިކަލް ނައްތާލާ ޖޫސްތައް:
ހަށިގަނޑުގައި އުފެދޭ ވިހަ މާއްދާތައް ނައްތާލުމަކީ ހަށިގަނޑު ލުއި ކުރުމަށް އެޅޭ އެންމެ މުހިއްމު އެއް ފިޔަވަޅެވެ. މިފަދަ ޖޫސްތައް ފަސޭހަކަމާ އެކު ގޭގައި ތައްޔާރު ކުރެވިދާނެ އެވެ. މިފަދަ ޖޫސްތައް ތައްޔާރު ކުރުމަށް ބޭނުން ވާނީ މޭވާ އަދި ތަރުކާރީ އެވެ.
މޭވާގެ ތެރެއިން ސިޓްރަސް ހުންނަ މޭވާތަކަކީ ހަށިގަނޑުގައި އުފެދޭ މިފަދަ ވިހަ މާއްދާތައް ނައްތާލުމަށް ވަރަށް ރަނގަޅު އެއްޗެކެވެ. އަދި ފައިބާ އެކުލެވިގެންވާ ކާނާއަކީ ހަށިގަނޑުގަ ހަޖަމުގެ ނިޒާމު ފުރިހަމަކޮށް ހަމަޖައްސާދޭ ކާނާ އެވެ. އޭގެ ތެރޭގައި އިނގުރި، ކެރޮޓް އަދި އާފަލަކީ ވަރަށް ބޮޑަށް ފައިބާ އެކުލެވިގެންވާ ކާނާ އެވެ.
ވިހަ މާއްދާތައް ހަށިގަނޑުން ނައްތާލާ ކާނާއަކީ ވަރަށް މުހިއްމު އެއްޗެކެވެ. ހަށިގަނޑަށް ދިމާވާ ނޭދެވޭ ނުރައްކާތަކުން ސަލާމަތްވުމަށް މިފަދަ ކާނާ ބޭނުން ކުރުން ވަރަށް މުހިއްމެވެ.
މި ބާވަތުގެ 3.4 ލީޓަރުގެ ޖޫސް ހަފްުތާއަކު ބޮވޭ ނަމަ މިފަދަ ވިހަ މާއްދާތަކުން ހަށިގަނޑު ސަލާމަތް ކުރެވިދާނެ އެވެ. އޭގެ އިތުރުން ހަށިގަނޑުގެ ބަރުދަން ވެސް ލުއިކޮށް ދެ އެވެ.
2. ތަރުކާރީ ޖޫސް:
ތަރުކާރީ ޖޫހަކީ ވެސް ހަށިގަނޑު ލުއިކޮށްދޭ ރަނގަޅު ބުއިމެކެވެ. ޚާއްސަކޮށް ކުރޫސިފެރަސް ފެމެލީގެ ވައްތަރަކީ ވަރަށް ރަނގަޅު އައްޗެކެވެ.
އޭގެތެރޭގައި ހިމެނޭ އެންމެ ރަނގަޅު ވައްތަރަކީ ކެބޭޖްގެ އިތުރުން ކޭލް، ބްރޮކޮލީ އަދި ކޯލި ފްލާވާ އެވެ. މި ޖޫސް ތައްޔާރު ކުރުމަށް މޭވާގެ ވައްތައްރުތައް ވެސް އެއްކޮށް ލެވިދާނެ އެވެ.
ހަށިގަނޑުގެ ބަރުދަން ލުއި ކުރުމުގެ އިތުރުން މިފަދަ ޖޫސްތަކުން ހަށިގަނޑު ތަފާތު ބަލިތަކުން ސަލާމަތްކޮށް ރަގަނޅު ސިއްހަތެއްގައި ބަހައްޓައި ދެ އެވެ.
ހަށިގަނޑުގެ ހޯމޯން ލެވެލް އެއްވަރުކޮށް ހޯމޯން ބަދަލު ގެންނަ އެހެނިހެން ކަންތައްތަކުން ސަލާމަތްކޮށްދެ އެވެ. ކުރޫސިފެރަސް ތަރުކާރީގެ ބާވަތްތަކުގައި ވަރަށް ބޮޑަށް ގުދުރަތީ ފައިޓޯނިއުޓްރިއެންޓްސް އެކުލެވިގެންވެ އެވެ.
މީގެ ސަބަބުން ހަށިގަނޑުގެ ބަރުދަން ލުއިކޮށް އަދި ގައި ދުޅަވުމާއި ލޭގައި ހަކުރު އެކުލެވޭ މިންވަރު އެއްވަރެއްގައި ހިފަހައްޓައި ދެއެވެ. އަދި ހޯމޯން ލެވެލް ހަމަޖައްސައި ދިނުމާ އެކު ހަށިގަނޑުގައި އުފެދޭ ވިހަ މާއްދާތައް ނައްތާލަދެ އެވެ.
3. ގްރީން ޓީ:
ދުވާލެއްގެ މައްޗަށް އެެއް ޖޯޑް ގްރީން ޓީ ބުއިމުން ހަށިގަނޑު ލުއިކޮށް ދިނުމާ އެކު ހަށިގަނޑުގައި އުފެދޭ ވިހަ މާއްދާތައް ވަރަށް އަވަހަށް ނައްތާލަދެ އެވެ.
ގްރީން ޓީ ބުއިމުން ކެލޮރީސްތައް އަންދާލަ ދިނުމާ އެކު ހަށިގަނޑުގެ ހަކަތަ ވަރަށް ބޮޑުތަން އިތުރުކޮށްދެ އެވެ. ހަމަމިއާ އެކު ބޭކާރު ކެއުންތަކުން މީހާ ދުރުކޮށްދެ އެވެ. މީގެ އިތުރުން ވަރުބަލިކަން ފިލުވައި މީހާ ބޭކާރު ފިކުރުތަކުން ދުރުކޮށްދެ އެވެ.
4. ކްރޭންބެރީ އަދި ޕެއާ ޖޫސް:
މޭވާގެ ޖޫސްތަކަކީ ރަހަ މީރު ތައްޔާރުކޮށްލަން ފަސޭހަ ބުއިން ތަކެކެވެ. އޭގައި ވަރަށް ގިނައިން ނިއުޓްރިއެންޓްސް، ވިޓަމިން އަދި މިނެރަލްސް އެކުލެވިގެންވެ އެވެ.
މީގެ އެތައް ސަތޭކަ ވައްތަރުގެ މޭވާ ހުރެ އެވެ. އޭގެ ތެރެއިން ކްރޭން ބެރީ އާއި ޕެއާސްއަކީ ރަހަމީރު އަދި އޭގައި ވަރަށް ގިނައިން ވިޓަމިސް ސީ އެކުލެވިގެންވާ ދެ މޭވާ އެވެ.
މި ދެ މޭވާގެ ޖޫސްތަކުން ހަށިގަނޑުގެ ބަރުދަން ވަރަށް ބޮޑަށް ލުއިކޮށް ދިނުމުގެ އިތުރުން ހަށިގަނޑުގެ ޖަހާފައި ހުންނަ ސަރުބީ ނައްތާލާ ނިޒާމް ވަރަށް ވަރުގަދަކޮށްދެ އެވެ. އަދި ހަށިގަނޑަށް ބޭނުންވާ ހަކަތަ އިތުރުކޮށް ޕްރޮޓިންސް އާއި ވިޓަމިން ލިއްބައި ދެ އެވެ.
ހަމަމި އާއެކު ކްރޭންބެރީ ޖޫހަކީ ބްލެޑާއަށް ޖެހޭ ބަލިތަކުން ސަލާމަތްކޮށް ދޭ ވަރަށް ރަނގަޅު ބުއިމެކެވެ.
ސިއްހަތު ބަރާބަރަށް ބެހެއްޓުމަށް ބޭނުންވާ މެގްނީޒިއަމް، ޕޮޓޭޒިއަމް އަދި ފޮސްފެރޮސް ޕެއާސް ޖޫހުގައި ވަރަށް ބޮޑަށް އެކުލެވިގެންވެ އެވެ. އަދި މި ދެ ވައްތަރުގެ ޖޫހުގައި ވިޓަމިން ސީގެ އިތުރުން ކަށިތައް ވަރުގަދަ ކުރުމަށް ބޭނުންވާ ކެލްސިއަމް މާއްދާ ވެސް ވަރަށް ބޮޑަށް އެކުލެވިގެންވެ އެވެ.
5. ކަޅު ކޮފީ:
އާދައިގެ ކަޅު ކޮފީއަކީ ވެސް ހަށިގަނޑުގައި އުފެދޭ ވިހަ މާއްދާ ވިރުވާލުމަށް ރަނގަޅު ބުއިމެކެވެ. މީގެ އިތުރުން ކެންސަރު ބަލީގެ ޖެހުމުށް ދިމާވާ ކަންތައްތައް މަދުކޮށް ދިނުމާ އެކު ހިތުގެ ބައްޔާއި އަދި ޑައެބަޓީސް ޖެހުމުގެ ފުރުސަތު ވެސް ކުޑަކޮށްދެ އެވެ.
ކޮފީގައި އެކުލެވޭ ކެފޭން ހަށިގަނޑުގައި ޖަހާ ސަރުބީ އަންދާލުމުގެ މަސައްކަތައް އަވަސްކޮށް އަދި ހަށިގަނޑު ހިކުމަށް އެހީތެރިވެދެ އެވެ.
ނަމަވެސް ކޮފީއާ އެކު ކިރު އަދި ހަކުރު ބޭނުން ކުރުމުން ކޮފީން ލިބޭ ހަގީގީ ފައިދާއެއް ނުލިބޭނެ އެވެ. އޭގެ އިތުރަށް ހަށިގަނޑުގެ ކެލޮރީ ކައުންޓް އިތުރުކޮށްލަ ދެވެ. އެކަމަކު ކޮފީ އެހާ ބާރު ގަދަކޮށް މާ ގިނައިން ބުއިމަކީ އެހާ ރަނގަޅުކަމެއް ނޫނެވެ.
މި ފަސް ވައްތަރުގެ ބުއިން ކޮންމެ ދުވަހެއްގެ ކެއުމާ ގުޅުވާލުމަކީ ހަށިގަނޑު ރީތިކޮށް ބެހެއްޓުމަށް ވަރަށް މުހިއްމު ކަމެކެވެ. ބިޒީ ޝެޑިއުލަށް މަސައްކަތް ކުރައްވާ ބޭފުޅުން ހިކެން ބޭނުންވާ ބޭސް ނުވަތަ ސަޕްލިމެންޓްގެ ބަދަލުގައި މިފަދަ ގުދުރަތީ ބުއިންތައް ބޭނުން ކުރެވިދާނެ އެވެ.
އެފަދަ ބޭސްތަކުން ނޭގި ނަމަވެސް ހަށިގަނޑަށް ބައެއް ފަހަރު ނޭދެވޭ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް ގުދުރަތީ މި ބުއިންތަކަކަކީ ސައްތައިން ސައްތަ ހަށިގަނޑަށް ފައިދާ ކުރުވާނެ ބުއިންތަކެކެވެ. ދުޅަހެޔޮ ސިއްހަތަކަށް ބޭނުންވާ ނަމަ ސިއްހީ މިފަދަ އާދަތަކާ އެކު، ދިރިއުޅުން ބައްޓަން ކުރުމަކީ މުހިއްމު ކަމެކެވެ.
ތިމާގެ އަމިއްލަ ސިއްހަތަށް ފަރުވާތެރިވެގެން ނޫނީ ދިރިއުޅުމާއިގެން ކުރިއަށް ދިއުމަކީ ވެސް ފަސޭހަ ކަމަކަށް ނުވާނެ އެވެ. އެހެންވެ ހަށިގަނޑަށް އެތެރެވާ ކާނާ އާއި ބުއިންތަކަކީ ސިއްހަތަށް ކޮންމެހެން ވެސް ފައިދާ ހުރި އެއްޗަކަށް ވާން ޖެހެ އެވެ.