ހދ. ހޯޑައިދޫން މަސްތުގެ ހާލަރުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ކުޑަކަމުދާ އެއްޗިހި ދިނުމަށް އިންކާރު ކުރުމުގެ ދައުވާ ޝަރީއަތަށް ސާބިތުވުމާ ގުޅިގެން ސ. ހުޅުދޫ ރީފްސައިޑު ޖާދުﷲ ޖަމީލްގެ މައްޗަށް އެއް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
ޔޮޓް ޓުއާސްގެ ޗެއާމަން އަބްދުﷲ ޖާބިރުގެ އަލިދޫ ރިސޯޓުގެ ޖެނެރަލް މެނޭޖަރަކަށް ހުންނެވި ޖާދުﷲ ގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމުފެ ޝަރީއަތުގެ މަޖިލީހުގައި އެ މައްސަލަ ބެއްލެވި ގާޒީ އަބްދުﷲ ދީދީ ވިދާޅުވީ ކުޑަކަމުދާތަކެތި ދޭން ޖާދުﷲ އަށް އެންގުމުގައި ފުލުހުން އަމަލުކޮށްފައިވާ އިޖްރާއާތު ރަނގަޅު ނޫން ކަމަށް އޭނާގެ ފަރާތުން ބުނި ނަމަވެސް އެއީ ސައްހަ އިޖްރާއާތެއް ކަމަށް ޝަރީއަތަށް ގަބޫލު ކުރެވޭ ކަމަށެވެ.
އަދި ދައުވާ އަށް އިންކާރު ކުރުމަށްފަހު، ކުޑަކަމުދާ އެއްޗިހި ދިނުމަށް ފުލުހުން އޭނާ އަށް އަންގާފައި ނުވާ ކަމަށް ޖާދުﷲ ބުނިނަމަވެސް، ފުލުހުން އެންގުމުން ކުޑަކަމުދާ އެއްޗިހި ދިނުމަށް އޭނާ އިންކާރު ކުރިކަން ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
ދައުވާ އަށް އިންކާރު ކުރުމަށްފަހު ދިފާއުގައި ޖާދުﷲ ހުށަހެޅި ހެކީންގެ ހެކިބަހުން އޭނައާ އެއްކޮޅަށް ހެކިބަސް ލިބިފައިނުވާ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.
ޖާދުﷲ އާއި އިތުރު ބަޔަކު ހދ. ހޮނޑައިދޫން ހައްޔަރު ކުރީ ނޮވެމްބަރު 15، 2012 ގެ ފަތިހުގެ ވަގުތެއްގަ އެވެ.