ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާ (ޕީސީ) ގެ ބައްޕަ މަރުހޫމް ޑރ. އަޝޯކް ޗޯޕްޅާގެ ނަން މުމްބާއީގެ މަގަކަށް ދޭން ނިންމައިފި އެވެ.
މިކަން ވެސް ވަނީ ކަށަވަރުކޮށް ދީފަ އެވެ. އޭނާ ބުނީ ބައްޕަގެ ނަން މަގަކަށް ދޭން ނިންނީ އިންސާނިއްޔަތަށްޓަކައި ކޮށްދީފައިވާ ހިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ކަމަށެވެ. އަދި މިފަދަ ޝަރަފެއް އާއިލާ އަށް ލިބޭކަމީ އުފާ ކުރާ ކަމެއް ކަމަށް ކާމިޔާބު ފިލްމުތަކެއް ކުޅެ، ގިނަ އެވޯޑްތަކެއް ހާސިލްކޮށްފައިވާ ބަތަލާ ބުންޏެވެ.
ޑރ. އަޝޯކަކީ ހިލޭ ސާބަހަށް ވަރަށް ގިނަ ބަޔަކަށް ސިއްހީ ފަރުވާ ވެސް ފޯރުކޮށް ދީފައިވާ ފަރާތެކެވެ.
އޭނާ މަރުވީ މިދިޔަ އަހަރުގެ ތެރޭގައި ކެންސަރަށް ފަރުވާ ހޯދަމުން ދަނިކޮށެވެ.
ޑރ. އަޝޯކްގެ ނަން ދިނުމަށް ހަމަޖެހިފައިވާ މަގަކީ ޕްރިޔަންކާގެ އާއިލާ ދިރިއުޅޭ ގެ ހުންނަ ޔާރީ ރޯޑްގެ ސަރަހައްދުގެ މަގެެކެވެ.
މިކަމުގައި އިސްކޮށް ހަރަކާތްތެރި ވަނީ އާއިލާގެ މެމްބަރުންނާއި ޑރ. އަޝޯކްގެ ހިދުމަތްތައް ލިބެމުން ދިޔަ އެންޖިއޯއެއްގެ ފަރާތުންނެވެ.
އޭނާގެ ނަން މަގަށް ރަސްމީކޮށް ދިނުމަށް ހާއްސަ ހަފުލާއެއް ވެސް ބާއްވަން ވަނީ ނިންމައިފަ އެވެ. މި ހަފުލާގައި ޕީސީގެ އާއިލާ އާ އަބަދުވެސް ގާތް ގުޅުމެއް ބާއްވަމުން އަންނަ ގިނަ ބަޔަކު ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.