އައްޑޫ ސިޓީ ކައުންސިލުން ކުރިއަށްގެންދާ "އައްޑޫ ގެސްޓް ހައުސް ވެންޗާއަށް" އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ)އިން ތާއިދު ކުރާކަމަށް އައްޑޫގެ މޭޔަރ އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވެއްްޖެ އެވެ.
ދާދި ފަހުން ސްރީލަންކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު "އައްޑޫ ލައިވް" އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ސޯބެ ވިދާޅުވީ ބޭރު ގައުމުތަކުގެ ސަފީރުންނާއި ބައްދަލުކޮށް ގެސްޓް ހައުސް ވެންޗާގެ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ.
އަދި އޭގެ ތެރެއިން އައިއެފްސީގެ ކަންޓްރީ މެނޭޖަރ އެޑަމް ސެކް އާއި އެކު ބޭއްވި ބައްދަލުވުމުގައި ގެސްޓް ހައުސް ވެންޗާރ މަޝްރުއުއަށް ވަރަށް ބޮޑަށް ތާއިދު ކުރައްވައި އެ އިދާރާއިން އެހީ ފޯރުކޮށްދޭން ވަނީ އެއްބަސްވެފައެވެ.
"އައިއެފްސީ ކަންޓްރީ މެނޭޖަރ އާއި އެކު ބޭއްވި ބައްދަލުވުމުގައި އެބޭފުޅާ ވަރަށް ތާއިދު ކުރެއްވި މިމަޝްރޫއުއަށް، އެންމެ ބޮޑަށް ފާހަނގަ ކުރެއްވީ އާއްމު ރައްޔިތުންގެ ފުދުންތެރި ކަން އިތުރު ކުރެވޭނެ ގޮތަށް މި މަޝްރުއު ފަރުމާ ކުރެވިފައި އޮތުން." އޭނާ ވިދާޅުވި އެވެ.
ސޯބެ ވިދާޅުވީ އައިއެފްސީ ފަދަ ބޮޔަ މާލީ އިދާރާއަކުން މި މަޝްރޫއުއަށް ތާއިދު ކުރުމަކީ ލިބުނު ބޮޑު ހިތްވަރެއް ކަމަށެވެ.
"އެބޭފުޅުންގެ ތާއިދު ލިބުމަކީ ވަރަށް ބޮޑު ކުރިއެރުމެއް. މީގައި އެބޭފުޅުންނަށް އެހެން މަލީ އިދާރާތަކަށް ރެކޮމަންޑް ކުރެވޭނެ. އަދި އޭގެ ސަބަބުން ގެސްޓް ހައުސް ވެންޗާރ ތަރައްޤީ ކުރުމަށް އެހެން ބޭންކްތަކަށް ހިތްވަރު ލިބިގެން ދާނެ." އޭނާ ވިދާޅުވި އެވެ.
ސޯބެ ވިދާޅުވީ އައްޑޫގެ ގެސްތް ހައުސް ވެންޗާގެ ސަބަބުން ގިނަ ބަޔަކަށް ވަޒީފާގެ ފުރުސަތު ލިބި އާއްމު ރައްޔިތުންގެ ފުދުންތެރިކަން އިތުރުވެގެންދާނެކަމަށެވެ.
ގެސްޓް ހައުސް ވެންޗާ ޕްރޮމޯޓް ކުރުމަށް ކައުންސިލުން ވަނީ ބޯޑެއް އުފެއްދުމަށް އިއްލާންކޮށްފަ އެވެ. އަދި ބޯޑަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައި މިހާރު ކުރިއަށް ދަނީ ހުށަހަޅާފައިވާ ފޯމު ދިރާސާ ކުރުމުގެ މަސައްކަތެވެ.