އެމްޑީޕީގެ ޕްރައިމަރީގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރެއްވި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ރިޔާސީ އިންތިހާބުގައި ތާއީދުކުރައްވަން ނިންމައިފި އެވެ.
ނަޝީދުގެ ފަޅި ދޫކުރައްވައި ރައީސް ސޯލިހިގެ ފަޅިއާ ގުޅިވަޑައިގަންނަވަން ނިންމެވިކަން އޭނަ އިއްޔެ ޓްވިޓާގައި އިއުލާންކުރެއްވި އެވެ. އޭގައި މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބު ރައީސް ސޯލިހަށް ކާމިޔާބުކޮށް ދިނުމަށް މަސައްކަތް ކުރެއްވުމަށް އޭނާ ނިންމަވާފައިވާ ކަމަށެވެ.
އެމް.ޑީ.ޕީ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވެވި ރައީސް އިބްރާހިމް މުޙައްމަދު ޞާލިހް އާއެކީ އެމް.ޑީ.ޕީ އަށް ރިޔާސީ އިންތިޚާބް ކާމިޔާބު ކޮށް ދިނުމަށް މަސައްކަތް ކުރުމަށް އަޅުގަނޑު ނިންމައިފިން. pic.twitter.com/LBtbGtxeT8
— Ibrahim Muixxu (@muixxu) February 6, 2023
މުއިއްޒު ނަޝީދުގެ ފަޅި ދޫކޮށްލެއްވި އިރު، ޕްރައިމަރީން ބަލިވެވަޑައިގަތުމުން ނަޝީދު މިހާރު ގެންދަވަނީ "ފިކުރެއްގެ ދިރުން" ގެ ނަމުގައި އެމްޑީޕޫގެ ތެރޭގައި ވަކި ސިޔާސީ ހަރަކާތެއް ހިންގަން ގޮފި ހަދަން މަސައްކަތްކުރައްވަމުންނެވެ. އެގޮތުން އެއަށް މިހާރު ސަޕޯޓަރުން ލައްވައި ސޮއިކުރުވަމުންނެވެ.