Last Updated: April 22, 11:20
Tuesday, April 22, 2025
ޚަބަރު

ވެލާ މެރި މީހުންގެ ބަޔާން ނަގައި ދޫކޮށްލައިފި

ބ. އަތޮޅުގެ ފަޅުރަށެއްގައި ވެލާ ފަޅައި ކެއްކުމުގައި އުޅެނު މީހުންގެ ބަޔާން ނެގުމަށްފަހު ދޫކޮށްލާފައިވާ ކަމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ބުނެފިއެވެ.

އީޕިއޭއިން ބުނެފައިވަނީ ފެބްރުއަރީ 3 ވަނަ ދުވަހު ވެލާ ފަޅައި ކައްކަން ތިއްބާ އަތުލައިގަތީ ފަސް މީހުން ކަމަށެވެ. އެ އެންމެންނަކީވެސް ކެންދޫއަށް ނިސްބަތްވާ މީހުން ކަމަށް އީޕީއޭއިން ބުނެފައިވެއެވެ.

މި މީހުންގެ ބަޔާން ނެގުމަށްފަހު ދޫކޮށްލާފައިވާކަމަށާއި އަދި މި މައްސަލަ ތަހުގީގު އިދާރާތަކުން ކުރަމުން ގެންދާކަމަށް އީޕީއޭއިން މައުލޫމާތުދީފައިވެއެވެ.

ބ. އަތޮޅުގެ ކެޔޮދޫ ކިޔާ ފަޅު ރަށެއްގައި ވެލާތަކެއް ފަޅައި ކައްކަމުންދިޔަ މީހުން އަތުލައިގަތީ ބ. އަތޮޅު ބަޔޮސްފިއާ ރިޒާވްއާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައެވެ.