Last Updated: September 9, 14:39
Monday, September 9, 2024
ޚަބަރު

މަޖިލީހަކީ ހަސަދަ ފިލުވާ ތަނަކަށް ހަދައިފި

މަޖިލީހުގެ ރައީސަކަށް މުހައްމަދު ނަޝީދު ހުންނަވައިގެން އެތަނަކީ މިހާރު ސިޔާސީ ހަސަދަ ފިލުވާ ތަނަކަށް ހަދާފައިވާ ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެ އެވެ.

މަޖިލިސް މިހާރި ކުރިއަށްދާ ގޮތާ މެދު ކަންބޮޑުވުން ފާޅުކުރައްވައި އޭނަ މިއަދު ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ މަޖިލީހަކީ ރައްޔިތުންގެ ގެ ކަމަށާއި އެތަނުގެ ތަޅުން ބޭނުން ކުރެވެން ވާނީ ރައްޔިތުންގެ ލާބަ އާއި މަންފާ އަށް ކަމަށެވެ.

"އަދި މުޅި ދައުލަތުގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރުމަށް. ނަމަވެސް ރިޔާސަތުން މަޖިލީހަކީ ސިޔާސީ ހަސަދަ ފިލުވާ ތަނަކަށް ހަދައިފި." މަވޯޓާ ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ މިދިޔަ ތިން އަހަރަކީ މީގެ ކުރިން ދުވަހަކު ވެސް ނުހިނގާ މިންވަރަށް ގަވާއިދާ ހިލާފަށް މަޖިލިސް ހިންގާފައިވާ ތިން އަހަރު ކަމަށެވެ.

"ރިޔާސަތުން ރުއްސަވާ މެންބަރުންނާއި ނުރުއްސަވާ މެންބަރުންނާ ދެމެދު ތަފާތުކުރުން [މިހާރު އޮތީ] ހައްދުން ނައްޓާފައި،" މަޖިލީސް މެންބަރެއްގެ ގޮތުގައި ގިނަ ތަޖުރިބާތަކެއް ކުރައްވާފައިވާ މަވޯޓާ ވިދާޅުވި އެވެ. "[އަދި] އެންމެ އިސްކަމެއް ދެނީ ސަރުކާރަށް ޖެއްސުން ކުރުމަށް."

މަޖިލީހުގެ ރައީސެއްގެ ގޮތުގައި ނަޝީދު ހުންނެވި އިރު، ނައިބު ރައީސަކީ އެ މަނިކުފާނަށް ބޮޑުބޭބެ ވިދާޅުވީ އީވާ އަބްދުﷲ އެވެ.