Last Updated: October 22, 06:45
Tuesday, October 22, 2024
ޚަބަރު

ގެސްޓް ހައުސްތައް ހަދާފައި ހިންގަން ދޭނަން

އަމިއްލަ ވެރިކަމެއްގައި ރާއްޖޭގެ ރަށްރަށުގައި ގެސްޓް ހައުސްތައް ތަރައްގީކޮށް އެތަންތަން ހިންގަން އާންމުންނާ ހަވާލުކުރައްވާނެ ކަމަށް މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް މުހައްމަދު ނާޒިމު ވިދާޅުވެއްޖެ އެވެ.

ޕާޓީގެ ޖަގަހައެއް ހުޅުވަން ކ. ގުރައިދޫގައި ރޭ ބޭއްވި ޖަލްސާގައި ދަނގެތީ ދާއިރާގެ މަޖިލިސް މެމްބަރު ވިދާޅުވީ ގެސްޓް ހައުސް ހަދަން ބިން ދިނަސް މާލީ ދަތިތަކާއި ބޭންކުން ނަގާ އިންޓަރެސްޓް ބޮޑުވުމުން ލޯނުތައް ނަގައިގެން ވެސް ގެސްޓް ހައުސް ހެދުމަކީ މިހާރު ވަރަށް ދަތިކަމެއް ކަމަށެވެ.

އެހެންވެ އެ ވިޔަފާރި އަށް ޝައުގުވެރިވާ މީހުންނަށް ހާއްސަކޮށްގެން އޭނަގެ ސަރުކާރެއްގައި ކަނޑައަޅާ ވަކި ރަށްރަށަކުން ގެސްޓް ހައުސް ހަދަން ބިން ދިނުމުގެ ބަދަލުގައި އެ ރަށްރަށުން ގެސްޓް ހައުސް ވިޔާފާރި ކުރުވާނީ އެ ތަންތަން އިމާރާތްކޮށް ދިނުމަށް ފަހު ކަމަށް ވިދާޅުވި އެވެ.

"ހަތަރު ބުރި، ފަސް ބުރީގެ ގެސްޓް ހައުސް ހަދާފައި ޒުވާނުންނަށް ތަޅުދަނޑި ދީފައި އަޅުގަނޑުމެން ބުނާނީ ދެން ވިޔަފާރިކޮށްފައި ދައްކާށޭ." ކުރީގެ ޑިފެންސް މިނިސްޓަރު ވިދާޅުވި އެވެ.

ނާޒިމު ވިދާޅުވީ ގުރައިދޫގައި 10 ބުރީގެ ގެސްޓް ހައުސްއެއް އިމާރާތް ކުރުމުގެ މަސައްކަތް މިހާރު އޭނަ ވެސް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އެ ގެސްޓް ހައުސް އިން ގުރައިދު އަށް އިގުތިސާދީ ބޮޑު ބަދަލެއް ގެނެވޭނެ ކަމަށް ވިދާޅުވި އެވެ.

"އެ ތަނުގައި ވަޒީފާ އަދާކުރާ ނުވަދިހަ ޕަސެންޓަކީ މި ރަށުގެ މުވައްޒަފުންނަށް އަޅުގަނޑު ހަދާނަން. އެ ގެސްޓް ހައުސް ނިމޭއިރަށް ދެން ޖެހިގެން އޮތް ބިން އެ ވަނީ ތައްޔާރުކޮށްފައި،" ނާޒިމު ވިދާޅުވި އެވެ. "އެ ބިމުގައި ވެސް ގެސްޓް ހައުސް ހަދާފައި އަޅުގަނޑު ހުއްޓާލާނީ."

ނާޒިމް ވިދާޅުވީ އޭނަގެ ގެސްޓް ހައުސް ގުރައިދޫގައި ހެދިޔަސް މިހާރު ވެސް އެ ވިޔާފާރި ކުރާ މީހުން ޖެހިލުން ވާން ނުޖެހޭނެ ކަމަށެވެ.

"އަޅުގަނޑުގެ ބޭނުމަކީ މި ރަށަކީ ގެސްޓުން އެންމެ ގަޔާވާ އެންމެ ލޯބިވާ މަގުބޫލު ތަނަކަށް ހެދުމަށްޓަކައި އެންމެން އެއްވެގެން ކުރުން،" އޭނާ ވިދާޅުވި އެވެ. "އެ ތަން މަގުބޫލު ވެގެން ދާއިރުގައި އިރާދަކުރެއްވިއްޔާ ހުރިހާ އެންމެންނަށް ގެސްޓް ހައުސް ވިޔަފާރި ކުރާ އެންމެންނަށް ފައިދާވާ ގޮތަށް އަޅުގަނޑު ހަދާނަން."