ރާއްޖޭގެ ކުޅަދާނަ މޯޓިވޭޝަނަލް ސްޕީކާ ހުސެއިން އަފީފާ އެކީ މިއަދު ބާއްވާ އިވެންޓްގައި އޮންލައިންކޮށް ވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މިއީ އަމިއްލަ ނަފުސުގެ ގާބިލުކަން އިތުރުކޮށް، ކާމިޔާބު މީހަކަށް ވުމަށްޓަކައި ގެންގުޅެން ޖެހޭ ވިސްނުން ތަރައްގީކުރާނެ ގޮތްތަކާ ބެހޭގޮތުން ބާއްވާ އިވެންޓެކެވެ. ރެޒޫމޯ މޯލްޑިވްސް އިން އިންތިޒާމުކުރާ އިވެންޓް އޮންނާނީ ގައުމީ ޔުނިވާސިޓީގެ ބިޒްނަސް ސްކޫލުގެ އޮޑިޓޯރިއަމްގައި މިއަދު ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ.
އޮންލައިންކޮށް ބައިވެރިވާން ބޭނުންވާ މީހުންނަށް މި ލިންކް https://rb.gy/35ggo6 މެދުވެރިކޮށް ރަޖިސްޓްރީކުރެވޭނެ އެވެ.
"ޑިވެލޮޕިން ޔުއާ ގްރޯތު ޖާނީ އެންޑް މައިޑްސެޓް" ގެ ނަމުގައި ބާއްވާ އިވެންޓުގައި އަފީފް ތިން ސެޝަނެއް ނަންގަވައި ދެއްވާނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ޕްރޮފެޝަނަލް ކެރިއަރާއި އަމިއްލަ ދިރިއުޅުމުގައި ކުރިއަރައިދާނެ މަގެއް ހިޔާރުކުރާނެ ގޮތާއި އެފަދަ ޕްލޭނެއް ތައްޔާރުކުރާނެ ގޮތާއި އެފަދަ ކަމަކަށް ކުރިމަތިލާއިރު އަމަލުކުރަން ޖެހޭނެ ގޮތްތަކާ ބެހޭ ކުރިއަށް ގެންދާ އިލްމީ ސެޝަންތަކެވެ.
ދުނިޔޭގެ މަޝްހޫރު ލީޑާޝިޕް ކޯޗު ޖޯން މެކްސްވެލްގެ ޓީމުގައި ހިމެނޭ އަފީފް މި ސެޝަންތަކުގައި މިސްޓަ މެކްސްވެލްގެ "ފިފްޓީން ލޯސް އޮފް ގްރޯތު" ވެސް ކިޔައި ދެއްވާނެ އެވެ. އަދި މި ސެޝަންތައް ފުރިހަމަކުރާ މީހުންނަށް މިސްޓަ މެކްސްވެލްގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ސެޓްފިކެޓެއް ލިބޭނެ އެވެ.
މި އިވެންޓުގައި ބައިވެރިވެވޭނީ ފީއެއް ދައްކައިގެންނެވެ.
މި އިވެންޓަކީ ކޯޕަރޭޓް ދާއިރާގެ މީހުންނާއި ސިވިލް ސާވަންޓުންނާއި ޔުނިވާސިޓީ ދަރިވަރުންގެ އިތުރުން ކުރިއަށް ދާނެ ވަކި ދާއިރާއެއް އަދި ހިޔާކޮށްފައި ނުވާ މީހުންނަށް ވެސް ނުހަނު ބޭނުންތެރި އިވެންޓަކަށް ވާނެ ކަމަށް ރެޒޫމޯ އިން ބުނެ އެވެ. މީގެ އިތުރުން ކުންފުނިތަކާއި އޮފީސްތަކަށް، އެތަނުގެ މުވައްޒަފުން ބައިވެރިކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ.
އޭޝިއާ އާއި މެދުއިރުމަތި އަދި އެފްރިކާ ބައްރުގައި އެތައް ރިޒޯޓްތަކާއި ހޮޓާތަކެއް އޮޕަރޭޓްކުރާ ލަކްސްގެ މި ސަރަހައްދުގެ ޓްރެއިނިން، ޑިވެލޮޕްމަންޓް އަދި ކުއަލިޓީ އެޝުއަރެންސްގެ ޑިރެކްޓަރުގެ ޒިންމާ އަދާކުރައްވާ އަފީފަކީ ރާއްޖޭގެ ހިއުމަންސް ރިސޯސަސް ދާއިރާގެ މީހުންގެ ޖަމިއްޔާ ކަމަށްވާ މާޕްގެ ރައީސް ވެސް މެ އެވެ.
އަފީފް ވަނީ ބައިނަލްއަގުވާމީ ކޮންފަރެންސްތަކާއި އިވެންޓްތަކުގައި ކީނޯޓް ތަގުރީރު ދެއްވައި ސެޝަންތައް ނަގައިދެއްވައިފަ އެވެ. އެޗްއާރް ސްޓްރެޓެޖީ އާއި ކަސްޓަމާ އެކްސްޕީރިއަންސް އާއި ލާނިން އެންޑް ޑިވެލޮޕްމަންޓް ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އަފީފް އަކީ ރާއްޖޭގެ އެންމެ ކުޅަދާނަ އެއް ޕަބްލިކް ސްޕީކަރު ވެސް މެ އެވެ. އޭނާ އަކީ ލީޑާޝިޕާއި ޕާސަނަލް ޑިވެލޮޕްމަންޓުގެ ދާއިރާގެ އެގްޒެކެޓިވް ކޯޗެއް ވެސް މެ އެވެ.