ނ. ކެނދިކުޅުދޫ އަންހެނުން ކަރަންޓަށް ހޭލުންތެރި ކުރުވަން ހާއްސަ ޕްރޮގްރާމެއް ހިންގަން ނިންމައި، އޭގައި ބައިވެރިވާން ހުޅުވާލައިފި އެވެ.
އެ ރަށުގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީން އިންތިޒާމުކޮށްގެން ބާއްވާ ޕްރޮގްރާމް އޮންނާނީ މި މަހުގެ 23-25 އަށެވެ. އެހެންވެ އޭގައި ބައިވެރިވާން ރަށުގެ 18-50 އަހަރާ ދެމެދުގެ އަންހެނުންނަށް ވަނީ ހުޅުވާލައިފަ އެވެ. ބައިވެރިވާން ރަޖިސްޓްރީކުރަން ޖެހެނީ އަންނަ ހުކުރު ދުވަހުގެ ކުރިންނެވެ.
އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ނަޒުފާ މުހައްމަދު ސަޢީދުގެ ނަމްބަރު 9661385 އާއި މެމްބަރު މަރިޔަމް ނުޒުނާގެ ނަމްބަރު 9442664 އަށް ގުޅައިގެން ނަން ނޯޓްކުރެވޭނެ އެވެ.
ކެނދިކުޅުދޫ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީން ބުނީ އަންހެނުން ކަރަންޓަށް ހޭލުންތެރިކުރުވަން ހިންގާ މިޕްރޮގްރާމުގައި ކަރަންޓުގެ އާލަތްތައް ގެންގުޅުމުގައި ސަމާލުވާންވީ ކަންކަމާއި، ކަރަންޓުގެ ޚަރަދު ކުޑަކުރުމަށް ކުރަން ޖެހޭ ކަންކަމާއި، ނުރައްކާތެރި ހާދިސާތަކާއި ކަރަންޓް ޝޯޓޭޖްގެ ސަބަބުން ދިމާވާ މައްސަލަތަކުން ސަލާމަތްވުމަށް ކުރެވޭނެ މުހިންމު ކަންކަމާއި ގުޅޭ ގޮތުން މައުލޫމާތު ދެވޭނެ އެވެ. އަދި ކަރަންޓު ބޭނުން ކުރުމުގައި އާންމުކޮށް ގޭބިސީތަކުގައި ހުރި ނޭދެވޭ އާދަތަކާއި އެ ކަންކަން ހައްލު ކުރާނެ ގޮތްތަކާއި އެކަމުގެ އަމަލީ ތަމުރީނު ވެސް ދެވޭނެ އެވެ.
ޕްރޮގްރާމް ނިންމާ މީހުންނަށް ސެޓްފިކެޓް ވެސް ދޭން ހަމަޖެހިފައިވެ އެވެ.