ބޮލީވުޑްގެ ކުރީގެ މަޝްހޫރު ބަތަލާ ޕްރިތީ ޒިންތާ އަށް އެކި ގޮތްގޮތުން ގޯނާ ކުރި ކަމަށް ބުނެ، ކުރީގެ ލޯބިވެރިޔާ އަދި މަޝްހޫރު އިންޑަސްޓްރިއަަލިސްޓް ނެސް ވާދިއާގެ މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި އެވެ.
މި މައްސަލަ ފުލުހުންނަށް ޕްރިތީ ރިޕޯޓްކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
އެކަން މުމްބާއީގެ މެރިން ޑްރައިވް ޕޮލިސް ސްޓޭޝަނުން ވެސް ވަނީ ކަށަވަރުކޮށް ދީފަ އެވެ. އަދި އެ މައްސަލައިގެ ތަހުގީގު ފުލުހުން މިހާރު ފަށައިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ޔަގީންކޮށް ދީފަ އެވެ.
"އަހަރެމެން މި އަންނަނީ ޕްރިތީ ރިޕޯޓް ކުރި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން. އެހެންވެ ފުރަަތަމަ ކަމަކަށް މިއޮތީ ޕްރިތީ ހުށަހެޅި މައްސަލަ އާ ގުޅުން ހުރި މަންޒަރު ދުށް ހެކިންގެ ބަސް ހޯދުން. އޭގެ ފަހުން އަހަރެމެން ނެސް އާ ސުވާލު ކުރާނަން،" ވެންކެޅެ ޕޮލިސް ސްޓޭޝަންގެ ސީނިއާ ޕޮލިސް އިންސްޕެކްޓަރު ޕަރްވީން ޗިންޗޯލްކަރު ވިދާޅުވި އެވެ.
ގިނަ ދުވަސްތަކެއް ވަންދެން ނެސް އާ ރައްޓެހިވެގެން އުޅުމަށް ފަހު، 2009 ގައި ސިއްކަ ޖެހުނު ގުޅުމަށް ފަހު ނެސް އާ ބެހޭ ގޮތުން ޕްރިތީ ހުށަހަޅާފައިވާ މައްސަލާގައި ބުނެފައި ވަނީ ނެސް އޭނާގެ ގަޔަށް އަތްލައި، ހަޑި ހުތުރު ބަސްތަކުން މުހާތަބުކޮށް ގޯނާކޮށްފައިވާ ކަމަށެވެ.
މިކަމެއް ހިނގާފައި ވަނީ މެއި މަހުގެ 30 ވަނަ ދުވަހުގެ ރޭ މުމްބާއީގެ ވަންކެޅެ ސްޓޭޑިއަމްގައި ކުޅުނު އިންޑިއަން ޕްރީމިއާ ލީގް (އައިޕީއެލް) މެޗްގެ ތެރޭގައި ކަމަށް ވެސް ޕްރިތީ ބުނެފައިވެ އެވެ.
އެ ރޭގެ މެޗްގައި ކުޅުނީ ޕްރިތީ އާއި ނެސް ހިއްސާވާ ކްރިކެޓް ޓީމް ކިންގްސް ސިކްްސް ޕަންޖާބް އާއި ޗެންނައި ސްޕަ ކިންގްސް (ސީއެސްކޭ) އެވެ.
ޕްރިތީ ބުނީ ނެސް އޭނާ އަށް ގޯނާ ކުރީ ކުޅި ބަލަން ތިބި މީހުންގެ ތެރޭގައި ކަމަށާއި އެ މަންޒަރު އެތައް ބަޔަކަށް ވެސް ފެންނާނެ ކަމަށެވެ.
އަދި އޭނާގެ އަތުގައި ހިފައި ދަމައި "އެފް ވޯޑް" ބޭނުންކޮށްގެން ބަހުގެ ހަމަލާތަކެއް ނެސް ދިން ކަމަށް ޕްރިތީ ބުނެފައިވެ އެވެ.
އެ ހާދިސާ ހިނގީ މެޗްގެ ޕްލޭ-އޮފް ވަގުތުކޮޅުގެ ތެރޭގައި ކަމަށް ވެސް ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައިވާ ޕްރިތީ ބުންޏެވެ.
މިކަމާ ބެހޭ ގޮތުން ނެސްގެ ތަރުޖަމާން ބުނީ އެ މައްސަލައިގެ މާ ބޮޑު ތަފުސީލެއް ލިބިފައި ނުވާ ކަމަށެވެ. އެެހެންވެ އެކަން ސާފު ކުރުމަށް ފަހު، މީޑިއާ އަށް ވަކި އެއްްޗެއް ހާމަ ކުރާނެ ކަމަށް އޭނާ ބުންޏެވެ.
ނެސްގެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރުމަށް ފަހު، ޕްރިތީ ވަނީ އަމިއްލަ ދަތުރެއްގައި މިހާރު އިންޑިއާ އިން ބޭރުގަ އެވެ.
އެހެންވެ އޭނާގެ ތަރުޖަމާން ވެސް ބުނީ އެކަމާ ބެހޭ ގޮތުން ކޮމެންޓެއް ކުރަން ބޭނުން ނުވާ ކަމަށެވެ.
މި މައްސަލާގައި ނެސް ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޕްރިތީ އޭނާ އާ ބެހޭ ގޮތުން ފުލުހުންނަށް ހުށަހަޅާފައި ވަނީ އެއްވެސް ހަގީގަތެއް ނެތް، ދޮގު މައުލޫމާތުތަކެއް ކަމަށެވެ. އަދި މީގެ ސަބަބުބް ބޮޑު ޝޮކެއް ލިބިފައިވާ ކަމަށް ނެސް ބުންޏެވެ.