ރާއްޖެ އިން ކެންސަރު ބައްޔާ ދެކޮޅަށް މަސައްކަތްކުރަން ފަސް އަހަރުގެ ޕްލޭނެއް އެކުލަވާލައި، އެއަށް ޢަމަލުކުރަން ފަށައިފި އެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި "ނެޝަނަލް ކެންސަ ކޮންޓްރޯލް ޕްލޭން 2022-2026" އިފުތިތާޙުކޮށް ދެއްވީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމާއި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޑރ. ނާޒްނީން އަންވަރެވެ.
"ނެޝަނަލް ކެންސަރ ކޮންޓްރޯލް ޕްލޭން 2022-2026" ލޯންޗްކުރުމުގެ ރަސްމިއްޔާތު pic.twitter.com/IpNwGxmubA
— Ministry of Health (@MoHmv) February 16, 2023
މި ޕްލޭނަކީ ކެންސަރު ބަލި ރާއްޖޭގައި ކޮންޓްރޯލްކުރުމަށް ކަނޑައަޅާފައިވާ ކަންކަން، ތަންފީޒުކުރުމުގެ ޕްލޭނެކެވެ. ޕްލޭން އެކުލަވާލާފައި ވަނީ ޑަބްލިއުއެޗްއޯގެ ފަންނީ ލަފަ އާއި އެހީތެރިކަމާ އެކީ ރާއްޖޭގެ ކަމާގުޅުންހުރި ފަންނީ ފަރާތްތަކުގެ ލަފަޔާ މަޝްވަރާއާ ވެސް އެކީގަ އެވެ.
ޕްލޭންގައި ހިމެނޭ މައިގަނޑު ކަންކަން:
* ކެންސަރުން ރައްކާތެރިވުމަށް ސިއްޙީ އާދަތަކަށް އަހުލުވެރިކުރުން
* އަވަހަށް ބަލި ދެނެގަނެ އަވަހަށް ފަރުވާފެށުން
* ޢާއިލާތަކަށް މާލީބުރަ އުފުލަންނުޖެހި ކެންސަރުގެ ފަރުވާލިބުން
* ކެންސަރު ބަލި ތަޙައްމަލުކުރާ ފަރަތްތަކަށް ބޭނުންވާ ސަޕޯޓް ކެއަރ ކަވަރޭޖް ފުޅާކުރުން
* ކެންސަރުގެ ޤައުމީ ރަޖިސްޓްރީ ޤާއިމުކުރުމާއި ދިރާސާތައްކުރުން
ނަސީމު މިއަދު ވިދާޅުވީ، ރާއްޖޭގައި އަހަރެއްގެ ތެރޭގައި މަރުވާ މީހުންގެ 17 ޕަސެންޓަކީ ކެންސަރު ބަލީގައި މަރުވާ މީހުން ކަމަށާއި އެ ބައްޔަށް ރާއްޖެ އާއި ރާއްޖެ އިން ބޭރުން ވެސް ފަރުވާ ހޯދާ މީހުން ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.
— Ministry of Health (@MoHmv) February 16, 2023
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ވީ ކެންސަރު އެންމެ ބޮޑަށް ގުޅެނީ ދިރިއުޅުމުގެ އާދަތަކާ އެވެ. އެގޮތުން ދުނިޔޭގެ ނިސްބަތުން ކެންސަރު ޖެހޭ މީހުންގެ ތިންބައިކުޅަ އެއްބައި މީހުންނަކީ، ދިރިއުޅުމުގެ ވައްޓަފާޅި އާއި އާދަތައް ބައްދަލުކުރުމުން ކެންސަރުގެ ނުރައްކާއިން ރައްކާތެރިވެދާނެ މީހުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން ރާއްޖެއިން ވެސް މި ފެށި މަސައްކަތަކީ، އާންމު ސިއްޙަތުގެ ރަނގަޅު މުޖުތަމަޢުއެއް ބިނާކުރުން ކަމަށް ވިދާޅުވި އެވެ.
އާސަންދައިގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2016-2019އަށް، 7،500 އަށް ވުރެ ގިނަ މީހުން ކެންސަރަށް ފަރުވާ ހޯދާފައިވެ އެވެ.