ދަރަނި ރިސްޓްރަކްޗަރ ކުރުމުގެ ނަމުގައި އުޅެނީ ރާއްޖެ ބަނގުރޫޓު ކޮށްލަން ކަމަށާއި އެކަމަށް ފުރުސަތު ނުދޭނެ ކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާޙިމް ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިފަދައިން ވިދާޅުވެފައިވަނީ މެންބަރު އީވާ އަބްދުﷲ ހުށަހެޅުއްވި ދިވެހި ދައުލަތުން ދަރަނި އަނބުރާ ދެއްކުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ހުށަހެޅުންތަކުގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމަށް ގޮވާލައި އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމުގެ ގަރާރަށް ވާހަކަ ދައްކަވަމުންނެވެ.
ގަރާރަށް ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ އީވާގެ ގަރާރުގައިވާ ވާހަކަތަކަކީ ރާއްޖެ ބަނގުރޫޓު ކުރުމަށް އިދިކޮޅުން ކުރި މަސައްކަތަށް އިތުރުކުރެވޭ ބޮޅެއް ކަމަށެވެ. އަދި ދަރަނި ރިސްޓްރަކްޗަރ ކުރުމުގެ ނަމުގައި އުޅެނީ ރާއްޖެ ބަނގުރޫޓުވެއްޖެ ކަމަށް ކަނޑައެޅުމަށްކަމަށް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ރާއްޖެ ޑިފޯލްޓް ނުވާ ކަމަށާއި ލަންކާގެ ހާލަތަށް ރާއްޖޭގެ ކަންކަން ނުދާ ކަމަށެވެ. ކޮވިޑްގެ ހާލަތުން އެންމެ ފުރަތަމަ އަރައިގެން ގައުމަކީ ރާއްޖެކަން ފާހަގަކޮށް ޝަރީފް ވިދާޅުވީ މިސަރަހައްދުގައި އިގްތިސާދު އެންމެ ބާރަށް ކުރިއަރަމުން އަންނަ ގައުމަކީވެސް ރާއްޖެ ކަމަށެވެ.
"ވެރިކަމުގެ ދަހިވެތިކަމުގައި ގައުމުގައި ހުޅު ރޯކޮށްލާނެކަން މީގެން އެނގެނީ." ޝަރީފް ވިދާޅުވިއެވެ.
މީގެއިތުރުން ޝަރީފް ވިދާޅުވީ އީވާގެ ގަރާރުގެ ބޭނުމަކީ ބައިނަލްއަޤްވާމީ މާލީ އިދާރާތުގެ މެދުގައި ރާއްޖޭގެ މާލީނިޒާމާ މެދު އޮތް އިތުބާރު ގެއްލުވާލުން ކަމަށެވެ.
އީވާގެ ގަރާރަކީ ރާއްޖެ ބަނގުރޫޓު ކުރުމަށް ހުށަހަޅާފައިވާ އެއްޗެއްކަމަށް ޝަރީފް ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.
އީވާ ހުށަހަޅުއްވާފައިވާ ގަރާރުގައި ބުނެފައިވަނީ ރާއްޖެ ދަރަނިވެރިވެފައިވާ މިންވަރާއި، އެ ދަރަނި ބެލެހެއްޓިފައިވާ ގޮތާއި އަދި އެ ދަރަނި އަނބުރާ ދެއްކުމަށް ދައުލަތުގެ އާމްދަނީ ޖާގަދޭނެ މިންވަރު ދެނެގަތުމުގައި އަމަލުކުރާނެ އިރުޝާދެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ރިޕޯޓުގައި، ދައުލަތުގެ ދަރަނި ރީސްޓްރަކްޗަރކޮށް، ދަރަނި ބެލެހެއްޓުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ހުށަހެޅުންތަކުގައިވާ ކަންކަން ކުރުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.