މާލެ ސަރަހައްދުން ދޫކުރާ ފްލެޓްތަކާއި ބިންތަކަށް ކުރިމަތިލާ މީހުންގެ އިލެވުއޭޝަނަށް ހައުސިން މިނިސްޓްރީން އެކުލަވާލި ކޮމިޓީގައި މާލެ ސިޓީ ކައުންސިލް ބައިވެރިކޮށްފައި ނުވާތީ ކައުންސިލްހެ މެމްބަރަކު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ހުޅުމާލެ ދާއިރާ ތަމްސީލުކުރައްވާ ކައުންސިލަރު އަދި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު މިއަދު ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ހައުސިން މިނިސްޓްރީން އެކުލަވާލި "ގެދޮރުވެރިޔާ ކޮމިޓީ" ގައި މާލެ ކައުންސިލްގެ ހިއްސާއެއް ނެތުމަކީ ކައުންސިލަށް ގާނޫނީ ގޮތުން ލިބިދޭ ބާރު ކަނޑުވާލައި ގާނޫނީ ގޮތުން އޮޅުވާލުން ކަމަށެވެ.
މާލެސަރަހައްދުން ގޯތިދޫކުރުމަށް ސަރުކާރުން ނިންމައި ކޮމިޓީ އެކުލަވާލިއިރު @MaleCitymv ގެ އެއްވެސް ދައުރެއް ނެތުމަކީ ޤާނޫނު ނަމްބަރ:7/2010 ގެ ބާރުކަނޑުވާލުމާއި ޤާނޫނު އޮޅާލުން ކަމުގައި އަޅުގަނޑު ދެކެން.1/2 https://t.co/HWGmFYoyTC
— Ibrahim Shujau (@IbrahimShujaau) February 22, 2023
"ރާއްޖޭގެ ހުރިހާ ހިސާބަކުން ވެސް ގޯތި ދޫކުރަމުން ގެންދަނީ ކައުންސިލްތަކުން. އެކަމަކު މާލޭގެ ރައްޔިތުންނަށް ގޯތި މި ދޫކުރަނީ މައި ސަރުކާރުން. މާލެ ރައްޔިތުން އިންތިހާބު ކުރެއްވި ކައުންސިލްގެ ދައުރެއް ނެތް،" އޭނާ ވިދާޅުވި އެވެ. "މާނަ އަކީ ރަށު އޮފީހުގެ ބޭނުމެއް ނެތޭ. ޤާނޫނު އޮތީ އަސްލަންޓޭ [ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް] ގެ ކަބަޑު ތެރޭގައި."
ސަރުކާރުގެ ގެދޮރުވެރިން ޕްރޮގްރާމުގެ ދަށުން ހިންގާ ބިންވެރިޔާ އާއި ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލާފައިވާ ފަރާތްތައް އިވެލުއޭޓްކޮށް، ބިމާއި ފްލެޓް ދޭނެ ފަރާތްތައް ކަނޑައެޅުމަށްޓަކައި އެކުލަވާލި ކޮމިޓީގައި ހިމެނެނީ ފަސް މެމްބަރުންނެވެ.
* އަކްރަމް ކަމާލުއްދީން، (ޗެއާޕާސަން)
* އަނަސް އަބްދުއްސައްތާރު (ކޯ-ޗެއާޕާސަން)
* މަރިޔަމް ނާޒިމާ، މއ. އެރިޒޯނާ
* އައިޝަތު ރަޝީދާ، ހ. ރެޖީނާ ހައުސް
* މުހައްމަދު އާރިފް، ހއ. އިހަވަންދޫ ނެދުންގެ
މި ފަސް މެމްބަރުންނާ އެކީ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން އިއްޔެ ވަނީ ބާއްވައިފަ އެވެ.