Last Updated: September 20, 05:54
Friday, September 20, 2024

ބީޓެކް ކޯސްތަކެއް އައްޑޫ ހައި ސްކޫލްގައި

ރާއްޖޭގެ މަތީ ސާނަވީ ސްކޫލެއްގައި ފުރަތަމަ ފަހަރަށް ފަށާ ބީޓެކް ނެޝަނަލް ޑިޕްލޮމާ ކޯސްތަކެއް އައްޑޫ ހައި ސްކޫލްގައި ފަށައިފި އެވެ.

މި ކޯސް އެ ސްކޫލްގައި ރަސްމީކޮށް ފަށާފައި ވަނީ އިއްޔެ އެވެ.

އެކަން ރަސްމީކޮށް އިފުތިތާހުކޮށް ދެއްވީ އައްޑޫ އެޑިއުކޭޝަން ޔުނިޓްގެ ސްޕްރިންޑެންޓް ފާތުމަތު ނަސީރެވެ.

އައްޑޫ ހައި ސްކޫލުން ބުނީ އެތަނުގައި އަލަށް ފެށި ބީޓެކް ޕްރޮގްރާމުގައި ބީޓެކް ނެޝަނަލް ޑިޕްލޮމާ އިން ބިޒްނަސް އާއި ބީޓެކް ނެޝަނަލް ޑިޕްލޮމާ އިން އެޕްލައިޑް ސައިންސް ކިޔަވައި ދޭނެ ކަމަށެވެ.

އެ ސްކޫލުން ބުނީ ފުރަތަމަ ފަހަރަށް އެ ދެ ކޯސް ފެށި ނަމަވެސް، ކައިރި މުސްތަގުލެއްގައި ބީޓެކްގެ އިތުރު ކޯސްތަކެއް ވެސް ފަށާނެ ކަމަށެވެ.
ހައި ސްކޫލުން ބުނީ އަލަށް ފެށި ދެ ކޯހުގައި 60 ދަރިވަރަކު ބައިވެރިވާ ކަމަށާއި ޖާގަ އޮތް ވަރަކުންނާއި ދަރިވަރުން އެދޭ ވަރަކުން ފުރުސަތު ދޭނެ ކަމަށެވެ.

މިއީ މިދިޔަ އަހަރު އޯ ލެވެލް ހެދި ދަރިވަރުންނަށް ހާއްސަ ދެ ކޯހެވެ.

hkjk

އޭ ލެވެލްގައި އާންމުކޮށް ރަނގަޅު ނަތީޖާތަކެއް ވެސް ހޯދަމުން އަންނަ އައްޑޫ ހައި ސްކޫލުން ބުނީ ބީޓެކް ކޯސްތަކެއް ފެށުމުގެ މައިގަނޑު މަގުސަދަކީ ދަރިވަރުންނަށް ތައުލީމީ ފުރުސަތުތަކެއް ފަހިކޮށް ދިނުމާ އެކު ވަޒީފާގެ ބާޒާރަށް ދަރިވަރުން ނެރުމަށް ތަމްރީނުތަކެއް ދިނުން ކަމަށެވެ.

އައްޑޫ ހައި ސްކޫލުން ބުނީ މިފަދަ ޕްރޮގްރާމްތަކެއް ފަށަން ބޭނުންވާ އެހެން ސްކޫލްތަކަށް، އެ ސްކޫލް އޮތީ ފަންނީ ގޮތުން ވެސް އެހީތެރިވާން ތައްޔާރަށް ކަމަށެވެ.