ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރައީސާއި ނައިބު ރައީސްގެ މަގާމު އުވާލައިފި އެވެ.
އެ ދެ މަގާމު އުވައިލަން ނިންމީ އިއްޔެ ދަރުބާރު ގޭގައި ފެށި އެ ޕާޓީ ގައުމީ ކޮންގްރެސްގަ އެވެ. ޖޭޕީގެ ރައީސާއި ނާއިބު ރައީސްގެ މަޤާމު އުވާލުމަށް ފާސްވީ ކޮންގްރެސްގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޢުލަބިއްޔަތުންނެވެ.
އެ ދެ މަގާމު އުވައިލަން ނިންމި އިރު ރައީސްގެ މަގާމުގައި މިހާތަނަށް ހުންނެވީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ. އަދި ނާއިބު ރައީސްއަކަށް ހުންނެވީ އަހުމަދު ސައުދެވެ. ރައީސާއި ނާއިބު ރައީސްގެ މަޤާމު އުވާލުމާ ގުޅިގެން، ޖޭޕީގެ އެންމެ އިސް ފަރާތަކީ ޕާޓީގެ ލީޑަރެވެ. އެ މަގާމުގައި ހުންނެވީ ގާސިމް އިބްރާހީމެވެ.
ލީޑަރާ އެކީ ޕާޓީގައި އިސްކޮށް ފަސް ނައިބު ލީޑަރުން ތިބޭނެ އެވެ. ޖޭޕީގެ ލީޑަރުކަމަށް މި ފަހަރު ވެސް ގާސިމަށް ލިބިވަޑައިގަތީ އިތުރު ބޭފަޅަކު އެ މަގާމަށް ވާދަނުކުރާތީ ވޯޓަކާ ނުލަ އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަގާމަށް، އޮނަރަބަލް ޤާސިމް އިބްރާޙީމްގެ އިތުރުން އެހެން އެއްވެސް ފަރާތަކުން ކުރިމަތިލައްވާފައި ނުވާތީ، ޕާޓީގެ އަސާސީ ޤަވައިދުގައިވާ ގޮތުގެ މަތީން، ލީޑަރުގެ މަގާމަށް އެމަނިކުފާނު ވަނީ އިންތިޚާބުވެވަޑައިގެންފަ.
މަރުޚަބާ ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙީމް! pic.twitter.com/YuWG0UEiGI— JP Secretariat (@JPSecretariat) February 25, 2023
މި ފަހަރު ޖޭޕީ އަށް ފަސް ނައިބު ލީޑަރުން އިންތިހާބުކުރާ އިރު، އެންމެ ވާދަވެރިކަން ވެސް ބޮޑީ ވެސް އެ މަގާމަށެވެ. ކޮންގްރެސްގައި އެންމެ ވާދަވެރީ ޕާޓީގެ ނާއިބު ލީޑަރުގެ މަޤާމެވެ. ފަސް ނާއިބު ލީޑަރުންގެ މަގާމަށް 12 ބޭފުޅަކު ވާދަކުރައްވަ އެވ. އޭގެ ތެރޭގައި ގާސިމްހެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވެސް ހިމެނެ އެވެ.
އެންމެ ކެންޑިޑޭޓަކު ކުރިމަތިލާފައިވާތީ، އޮޓޮމެޓިކުން މަގާމުތަކަށް އިންތިޚާބުވެފައިވާ ފަރާތްތައް:
1. ޒުވާނުންގެ ލީގުގެ ރައީސް: އަބްދުﷲ ޔާމީން
2.ޒުވާޏުންގެ ލީގުގެ ނައިބު ރައީސް: ޝުއައިބު ޝިފާޒް ޝަރީފް
3. އަންހެނުންގެ ލީގުގެ ސެކްރެޓަރީ: އައިޝަތު ޝޫޒާ އަޙްމަދު
މަރުހަބާ! pic.twitter.com/joDkA90F34— JP Secretariat (@JPSecretariat) February 25, 2023
ޖޭޕީގެ ކޮންގްރެސްގައި މުހިންމު ނިންމުންތައް މިއަދު ނިންމާނެ މިއަދެވެ. އެގޮތުން އެޕާޓީގެ އިންތިޚާބީ މަޤާމު ތަކަށް ބޭފުޅުން އައްޔަންކުރުމުގެ އިތުރުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބާ މެދު އެ ޕާޓީން ވާދަކުރުމާ މެދު ވެސް ގޮތެއް ނިންމާނެ އެވެ.
ޖޭޕީގެ ގައުމީ ކޮންގްރެސް ނިންމާލާނީ މި ރެ އެވެ.