މިއަހަރުގެ ރަމަޟާން މަހާއި ދިމާކޮށް ހާއްސަ ޓްރެފިކް އޮޕަރޭޝަނެއް އައްޑޫގައި ކުރިއަށް ގެންދާނެކަމަށް ފުލުހުން ބުނެފިއެވެ.
ސައުތު ޕޮލިސް ޑިވިޝަން ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ ރަމަޟާން މަހަކީ އާދައިގެ މަސްތަކާ ޚިލާފަށް ހަވީރުގަޑީގައި އެއްގަމު އުޅަނުތައް ގިނައިން ދުއްވާ މަހެއް ކަމަށް ވުމާއި އެކު ރަމަޟާން މަހާ ދިމާކޮށް އައްޑޫ އާއި ފުއައްމުލަކުގައި ޚާއްސަ ޓްރެފިކް އޮޕަރޭޝަންތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.
ޝިފާން ވިދާޅުވީ މަގުމަތީގައި އުޅޭ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރި ކަމަށް އިސްކަންދީގެން ހިންގާ މި އޮޕަރޭޝަންގައި އާންމުކޮށް މަގުމަތީގައި ދުއްވާ އުޅަނދުތައް ގިނަވާ ވަގުތު ތަކުގައި އައްޑޫ ސިޓީ އަދި ފުވައްމުލަކުގެ ބޮޑެތި މަގުތަކުގައި ފުލުހުން ހަރަކާތްތެރިވެ މަގުމަތި ބަލަހައްޓަމުންދާނެ ކަމަށެވެ.
އެގޮތުން ފުވައްމުލަކާއި އައްޑޫގެ ހައިވޭގައި ދުއްވާ ތަކެތި ދުއްވާ ފަރާތްތައް ޤަވާއިދާ އެއްގޮތަށް ދުއްވާތޯ ފުލުހުން ބަލަމުން ގެންދާނެ ކަމަށެވެ.
އައްޑޫގައި ދާދި ފަހުން ވަނީ ޓްރެފިކް ޕޮލިހުންގެ ހިދްމަތް ދޭން ފަށާފައެވެ. ޝިފާން ވިދާޅުވީ ޓްރެފިކް ޕޮލިހުންގެ އެހީތެރިކަމާއި އެކު މޮޑިފައި ކޮށްފައި ހުންނަ ސައިކަލް ދުއްވާ ފަރާތްތަށް ހުއްޓުވައި ގާނޫނަށް ފެއްތުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނެކަމަށެވެ.