ހަނގާކުރުން ހުއްޓުވޭނީ މުޖުތަމަޢުގެ ހުރިހާ ފަރާތްތަކަކުން އެއްބާރުލުންދީގެން ކަމަށާއި މިފަދަ ކަންކަން ހުއްޓުވުމުގެ މަސައްކަތް ސްކޫލުތަކުގެ ތެރެއިން ފެށުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ފައިސަލް މިހެން ވިދާޅުވީ، "ސްމައިލްއޮން" ކެމްޕޭނުގެ ތެރެއިން، ހަނގާކުރުމުން ދުރުހެލި ވުމަށާއި، ރައްކާތެރިވުމަށް ސްކޫލުތަކުގައި ހިންގާ ހަރަކާތްތައް އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގަ އެވެ. މިރަސްމިއްޔާތު އޮތީ މިއަދު ހަވީރު ވިލިމާލޭގައި ހުންނަ، މުޙްޔިއްދީން ސްކޫލުގަ އެވެ.
ފައިސަލްގެ ވާހަކަފުޅުގައި ވިދާޅުވީ، ހަނގާކުރުން ހުއްޓުވުމަށްޓަކައި ކޮންމެ މީހަކީވެސް އަޚުލާޤީ ރީތި ނަމޫނާ ދައްކާ މީހަކަށް ވާންޖެހޭ ކަމަށެވެ. އަދި މުޖުތަމަޢުގައި ހުރި މައްސަލަތަކަށް ހައްލު ހޯދޭނީ އެމައްސަލަތައް ހުރިކަން ޤަބޫލުކުރެވިގެން ކަމަށާއި މިގޮތުން ހަނގާކުރުމުގެ މައްސަލަތަކާއި ކުޑަކުދިންނަށް އަނިޔާކުރުމުގެ މައްސަލަތައް ކަންބޮޑުވާ ދަރަޖައަކަށް އޮތްކަން ފާހަގަކުރެއްވި އެވެ.
ސްކޫލް ދަރިވަރުން ހަނގާކުރުމުން ރައްކާތެރި ކުރުމަށް ކުރިޔަށް ގެންދާ ހަރަކާތްތަކާއި ގުޅޭ ގޮތުން، ފައިސަލް ވިދާޅުވީ، ސްކޫލުތަކުގެ އިސްދަރިވަރުން މިކަމުގައި އިސްވެ ހަރަކާތްތެރިވާކަމީ އުއްމީދު އާވެގެންދާ ކަމެއް ކަމަށެވެ. ހަނގާކުރުމަކީ ހަމައެކަނި ސްކޫލު މާހައުލުގެ ތެރޭގައި ކުރެވޭ މަސައްކަތްތަކަކުން ހުއްޓުވޭނެ ކަމެއް ނޫންކަން ފާހަގަކުރައްވައި، ފައިސަލް ވަނީ، ހަނގާކުރުން ހުއްޓުވުމުގައި އެއްބާރުލުންދީ، މުޖުތަމަޢުގެ އެންމެން މަސައްކަތް ކުރުމަށް އެދިވަޑައިގެން އެކަމަށް އިލްތިމާސްކުރައްވާފަ އެވެ.
މިރަސްމިއްޔާތުގައި ވަނީ، ހަނގާކުރުމަށް ހޭލުންތެރިކުރުމާއި ގުޅޭ ގޮތުން އިނގިރޭސި ބަހުން ލިޔެފައިވާ ޅެމުގެ ރަމްޒީ ފިލައެއް ފައިސަލް އަށް އަރުވާފަ އެވެ.
މިޖަލްސާއަށްފަހުގައި، ހަނގާކުރުމުން ރައްކާތެރިކުރުމުގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ، ޕްލެޖް ވޯލްގައި ލިޔުން ފަށްޓަވައިދެއްވައި، ފައިސަލް ވަނީ އެ ވޯލްގައި ލިޔުއްވާފަ އެވެ.
"ސްމައިލް އޮން" ކެމްޕޭނުގެ ތެރެއިން، ހަނގާކުރުމުން ރައްކާތެރިކުރުމުގެ މަހުގެ ގޮތުގައި، ފެބުރުއަރީ މަހުގެ 26 ވަނަ ދުވަހުން ފެށިގެން މާރިޗުމަހުގެ 23އަށް، އެއްމަސްދުވަހުގެ މިހަރަކާތްތައް ކުރިޔަށް ގެންދާނީ، އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރަން (އާރކް)އާ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ގުޅިގެންނެވެ.