ފޭދޫ ކޯޒްވޭ އާއި ދިމާލުން މޫދަށް އެރި އުޅުނު މީހަކު ގެނބެމުންދާ ކަމުގެ މައުލޫމާތު ޕޮލިހުންނަށް ލިބުމާއި ގުޅިގެން އެ ސަރަހައްދަށް ގޮސް އެމީހާގެ ފުރާނަ ސަލާމަތް ކޮށްދިން ދެ ފުލުހުންނަށް ކަމިޝްނާ އޮފް ޕޮލިސް ހުސެއިން ވަހީދު ފޯނުން ގުޅުއްވާ ތައުރީފް ކޮށް ޝުކުރު ދަންނަވައިފިއެވެ.
މިދިޔަ ހުކުރު ދުވަހު ހަވީރު ހިނގި ހާދިސާގައި މޫދަށް ގެނބެމުންދިޔަ މީހާ ސަލާމާތް ކުރީ ކޯޕްރަލް އިރުޝާދު އަހުމަދާއި ލާންސް ކޯޕްރަލް އާދަމް ޙަލީމްއެވެ.
ސީޕީ އެ ދެފުލުހުންނަށް ފޯނުން ގުޅުއްވައި އެބޭފުޅުން އަދާކުރެއްވި ގައުމީ ވާޖިބަށްޓަކައި ޝުކުރު ދަންނަވައި އެފުލުހުންނަށާއި އެފުލުހުންގެ މަސައްކަތް ބައްލަވާ ކޮމާންޑަރުގެ މަސައްކަތަށް ސާބަސް ރައްދުކުރެއްވިއެވެ.
ސީޕީ ވިދާޅުވީ ފުލުހުންނަކީ އަބަދުވެސް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަދި ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަށް ޚިދުމަތަށް ނުކުމެތިބޭ ބައެއްކަން މިފަދަ ކޮންމެ ކަމަކުން ހާމެވެގެންދާކަމުގައި ވިދާޅުވިއެވެ.
ވަކިން ޚާއްޞަކޮށް ރައްޔިތެއްގެ ފުރާނަ ސަލާމަތްކުރުމުގެ ފުރުޞަތު ލިބުމަކީ ފުލުހަކަށް ކޮށްދެވޭނެ އެންމެ ބޮޑު ޚިދުމަތްކަން އަބަދުވެސް ކޮންމެ ފުލުހަކުވެސް ހަނދާން ބަހައްޓަންޖެހޭނެކަމުގައި ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.