މިހާރުގެ ސަރުކާރުން ވެފައިވާ ގިނަ ވައުދުތައް ފުއްދެން އޮތީ އައްޑޫއަށް ގިނަ ކަންތައްތަކެއް ކޮށްދީގެން ކަމަށް އައްޑޫގެ ޑެޕިއުޓީ މޭޔަރ އަބްދުﷲ ޠޮއްޔިބް (ޓޮމް) ވިދާޅުވެއްޖެއެވެ.
ޓޮމް ވިދާޅުވީ މިހާރުގެ ސަރުކާރަށް 2018 ވަނަ އަހަރުގެ އިންތިހާބުން ކިރިޔާވެސް ފުރުސަތެއް އޮތީ އައްޑޫ ކޮށްދޭން ވައުދުވެފައިވާ ކަންކަން ފުއްދައިދީގެން ކަމަށެވެ.
"އަޅުގަނޑުމެން ކައުންސިލުންވެސް މިއެދެނީ އެބޭފުޅުންގެ މެނިފެސްޓޯ ތަންފީޒު ކުރެވޭނެ ކަންކަމަށް. ވަޒިފާގެ ފުރުސަތު އިތުރު ކުރެވޭނެ ކަންކަމަށް، ގެސްޓް ހައުސް ވިޔަފާރިއާއި މަސްވެރިކަމުގެ ވިޔަފާރި ކުރިއެރުވޭނެ ކަންކަމަށް. އެކަމަކު އެކަން ކަން ނުކުރުމަށް ބަހަނާ ދައްކަމުން މިދަނީ."
ޓޮމް ވިދާޅުވީ މަރަދޫން މަސް ފެކްޓަރީއެއް އެޅުމަށް ބިން ނުދިންކަމަށް ބުނެ ވާހަކަ ދައްކާއިރު މަރަދޫގައި މީހުން ދިރިއުޅުމަށްވެސް މިހާރަކު ހުސް ބިންކޮޅެއް ނެތް ކަމަށެވެ. އަދި ހިތަދޫން ރަނގަޅު ސަރަހައްދަކުން ބިން ހަމަޖައްސާދީ އެމަސައްކަތް ބޭންކް އޮފް މޯލްޑިވްސްއިން ލޯން ނަގައިގެން ތިބެ އަދިވެސް ހަދަނީ ދޮގު ކަމަށެވެ.
"އަޅުގަނޑު ދާދި ފަހުން ކައުންސިލްގެ ފަރާތުން ހައުސިން މިނިސްޓްރީ އާއި، ޓޫރިޒަމް މިނިސްޓްރީއަށް ދިޔައިން. އަޅުގަނޑު ދެންނެވިން ސަރުކާރުގެ މެނިފެސްޓޯއަށް ތިޔަ މިނިސްޓްރީ ތަކުން ހުރަސް ނާޅަން. ޓޫރިޒަމް ކަންކަން އައްޑޫގައި ކުރިއަށް ގެންދަން. އީސީސީ ވީރާނާވާން ދޫކޮށްނުލަން. ވަޒީފާ ނެތް އެތައް ޒުވާނަކު އައްޑޫގައި ތިބި އިރު އެ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު އަވަހަށް ދިނުމަށް"
ޓޮމް ވިދާޅުވީ މި ސަރުކާރަށް އަހަރު ވެގެންދާއިރު އައްޑޫގެ ތަރައްޤީއަށް މަސަކަތެއް ނުފެށިގެން އުޅެނީ އެފަދަ ޕްލޭންއެއް ސަރުކާރުގައި ނެތުމުން ކަމަށް ގަބޫލް ކުރެވޭ ކަމަށެވެ.
އައްޑޫގެ ގެސްޓް ހައުސް ވެންޗާއާއި ގުޅޭ ގޮތުން ޓޮމް ވިދާޅުވީ، ގެސްޓް ހައުސް އިތުރުކޮށް ބެޑް ކެޕޭސިޓީ އިތުރުކުރަން ޖެހިފައިވާ ކަމަށެވެ. އަދި ކައުންސިލްގެ ގެސްޓް ހައުސް ވެންޗާއަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ޓޮމް ވިދާޅުވިއެވެ.
ޕީޕީއެމްގެ ސަރުކާރުން އައްޑޫގައި 5000 އެނދު ތަރައްޤީ ކުރާނެކަމަށް ވިދާޅުވެފައިވާ އިރު ނިމިގެން ދިޔަ ޖޫން މަހުގެ ތެރޭގައި އައްޑޫގެ ފަތުރުވެރިކަމާއި ބެހޭ ސިޔާސަތު ލޯންޗް ކުރައްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރ އަހްމަދު އަދީބް ވަނީ ވިދާޅުވެފައެވެ.