މިދިޔަ މެއި މަހު މާލެ އާއި އައްޑޫގައި ބޭއްވި އޭއެފްސީ ޗެލެންޖް ކަޕްގެ ގްރޫޕް ބީގެ މެޗްތައް އައްޑޫގައި ކުރިއަށް ގެންދިޔަ އިރު، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އެދުމަކަށް ފޯރުކޮށް ދިން ކެޓަރިންގެ ހިދުމަތަށް ފައިސާ ނުލިބިގެން އެ ހިދުމަތް ދިން ހިތަދޫ ކުއެންޗް ރެސްޓޯރެންޓުން ކަންބޮޑުވުން ފާޅު ކުރަން ފަށައިފި އެވެ.
އެތަނުގެ ވެރިޔާ އަލީ މާހިރު ވިދާޅުވީ މުބާރާތް ކުރިއަށް ދިޔަ އިރު އެފްއޭއެމުން އެދުނު ގޮތަށް ކުއެންޗުން ކެޓަރިންގެ ހިދުމަތް ދީގެން އެތަނަށް 50،000ރ. އަށް ވުރެ ގިނަ ފައިސާ ލިބެން ޖެހޭ ކަމަށެވެ.
ކުއެންޗުން ވަނީ 20-23 ވަރަކަށް ފަރާތަށް ގްރޫޕް ބީގެ މެޗްތައް ނިމެންދެން ކެޓަރިންގެ ހިދުމަތް ދީފަ އެވެ.
އެހެން ނަމަވެސް އެ ފައިސާ ލިބޭނެ ކަމުގެ އެއްވެސް އިޝާރާތެއް މިހާތަނަށް ނުލިބި، އެފްއޭއެމުން އީމެއިލްތަކަށާއީ މެސެޖްތަކަށް ވެސް ޖަވާބު ދީފައި ނުވާ ކަމަށް މާހިރު ވިދާޅުވި އެވެ.
"ކެޓަރިންގެ ހިދުމަތް އަޅުގަނޑުމެން ދިނީ ލިޔެފައި އޮތް އެގްރިމަންޓެއްގެ ދަށަކުންނެއް ނޫން. އެކަމަކު އެފްއޭއެމްގެ ތިން އޮފިޝަލަކު [އޭގެ ތެރޭގައި މުބާރާތުގެ އައްޑޫ އިސް މަންދޫބަކަށް އެފްއޭމުން ހަމަޖެއްސި އަހުމަދު މަރުޒޫގް )މަރޭ( ވެސް ހިމެނިވަޑައިގަންނަވާ] ރެސްޓޯރެންޓަށް ވަޑައިގެން ހިދުމަތަށް ރެކްއެސްޓް ކުރީމަ އަޅުގަނޑުމެންނަށް ވީ އެންމެ ރަނގަޅަކަށް ހިދުމަތް ދިނީ. އަދި ހިދުމަތް ދިނީ މުބާރާތް ނިމޭތާ 30 ދުވަހުގެ ތެރޭގައި ފައިސާ ދައްކަން ޖެހޭ ގޮތަށް. އޭގެ ފަހުން މިހާރު 45 ވަރަކަށް ދުވަސްވެގެން މި ދިޔައީ،" އޭނާ ވިދާޅުވި އެވެ. "އެހެން ނަމަވެސް ބިލްތައް ފޮނުވައިގެން މިހާތަނަށް މި ފައިސާ ލިބޭނެ ކަމުގެ އެއްވެސް އިޝާރާތެއް ނުލިބޭ. އެފްއޭއެމްގެ ވެރިއަކު މެއިލަކަށް މެސެޖަކަށް ރިޕްލައިއެއް ނުކުރޭ. މިއީ މިކަން ވާނެ ގޮތެއް ނޫން. އެފްއޭއެމް ފަދަ ތަނަކުން މިއަށް ވުރެ ޒިންމާދާރުކޮށް އަމަލު ކުރަން ޖެހޭނެ ކަމަށް އަޅުގަނޑުމެން ގަބޫލް ކުރަނީ."
މާހިރު ވިދާޅުވީ މި މައްސަލާގައި އެފްއޭއެމްގެ އޮފިޝަލަކާ ދިމާވެގެން ފައިސާގެ ވާހަކަ ދެއްކުމުން، އެ ފައިސާ ނުދެވިގެން އުޅެނީ އޭއެފްސީން ފައިސާ ދޫނުކޮށްގެން ކަމަށް ބުނެފައިވާ ކަމަށެވެ.
"އެހެން ނަމަވެސް ރަސްމީކޮށް މިކަން ވެގެން އުޅޭ ގޮތެއް އަޅުގަނޑުމެންނަކަށް ނެތް އަންގައިފައެއް. އެފްއޭއެމުން މިހާތަނަށް އަޅުގަނޑާ މި މައްސަލާގައި އެއްވެސް ވާހަކައެއް ދައްކާފައެއް ނެތް،" އޭނާ ވިދާޅުވި އެވެ. "އަޅުގަނޑުމެން މި ހިދުމަތް ދިނީ ވަރަށް ހާލުގައި. ތަންތަނުން އަޅުގަނޑުމެން ވެސް ދަރަންޏަށް އެއްޗެހި ނަގަން ޖެހުނު. ފައިސާ ނުދެވި ލަސްވާތީ އެތަންތަނުން ވެސް އަޅުގަނޑުމެންގެ ފަހަތުން ދުވާނެ ނޫންތޯ؟ ބައެއްގެ އަތުން ހިދުމަތެއް ހޯދާފައި އަގު ނުދައްކައި ތިބުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއް."
މިކަމާ ބެހޭ ގޮތުން އެފްއޭއެމްގެ ޖެނެރެލް ސެކްރެޓަރީ ހުސެން ޖަވާޒު ވިދާޅުވީ ކުއެންޗަށް ދައްކަން ޖެހޭ ފައިސާ އާ ކުރިން އޮތީ ކުޅިވަރާ ބެހޭ މިނިސްޓްރީން ހަވާލުވާ ގޮތަށް ކަމަށެވެ.
"އެހެން ނަމަވެސް ފައިސާގެ ތާށިކަމެއް ހުރުމާ އެކު، ފަހުން މިނިސްޓްރީން އަންގާފައި އޮތީ އޭއެފްސީން މުބާރާތަށް ދޭން ޖެހޭ ސަބްސިޑީ ފައިސާ ފޮނުވީމަ އެ ފައިސާ ދައްކަން. އެ ފައިސާ މި މަހުގެ މެދެއްހާ ހިސާބުގައި ލިބޭނެ ކަމަށް އަންގާފައި ވަނީ،" ޖަވާ ވިދާޅުވި އެވެ. "އެހެންވީމާ އޭއެފްސީން ފައިސާ ފޮނުވިހާ އަވަހަކަށް އަޅުގަނޑުމެން ކުއެންޗަށް ފައިސާ ދައްކާނަން. އެކަން ކުރިން ވެސް އޮންނާނެ އެ ފަރާތަށް ކުލިއާކޮށް ދީފައި."
ހިދުމަތް ދީގެން ފައިސާ ނުލިބުމުގެ މައްސަލަތަކެއް 2011 ވަނަ އަހަރު އައްޑޫގައި ބޭއްވި 17 ވަމަ ސާކް ސަމިޓަށް ފަހު ވެސް އައްޑޫގެ އެކި ފަރާތްތަކުން ތަޖުރިބާ ކުރަން ޖެހުނުކަން ފާހަގަކޮށްލެވެ އެވެ.