އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުގެ އިސްވެރިން ކ.ގުރައިދޫ ދާއިރާގެ ތިން ރަށަކަށް ކުރާ ދަތުރެއް މިއަދު ފަށައިފި އެވެ.
ޕީޕީއެމުން ބުނީ ގުރައިދޫ ދާއިރާގެ ތިން ރަށަކަށް ކުރާ މި ދަތުރަކީ ދާދިފަހުން އަވަހާރަވި ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ އަވަހާރަވުމާ ގުޅިގެން ދާއިރާ އަށް ލިބިފައިވާ ހިތާމައިގައި ބައިވެރިވެ، އާއިލާ އާއި ދާއިރާގެ ރައްޔިތުންނާއި ބައްދަލުކުރައްވާ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތައުޒިޔާ ރައްދުކޮށް ހިތްވަރު ދިނުން ކަމަށެވެ.
ރިޒާ އަވަހާރަވީ މެލޭޝިއާގައި ސިއްހީ ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އޭނަ އަކީ ޕީޕީއެމަށް ނިސްބަތްވެވަޑައިގެންނެވި މެމްބަރެކެވެ. ރިޒާ މިފަހަރު ފުރުއްވަމުން ގެންދެވީ މެމްބަރު ކަމުގެ ތިންވަނަ ދައުރެވެ.
ރިޒާ އަވަހާރަވުމާ ގުޅިގެން ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އެޕްރީލް 15 ގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ.