އަންނަ މަހު ބާއްވަން ހަމަޖެހިފައިވާ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނަށް އެމްޑީޕީން ވާދަކުރަން ނިންމައި، ކެންޑިޑޭޓަކު ކަނޑައަޅަން ބާއްވާ ޕްރައިމަރީ އަށް ހުޅުވައިލުމުން ހަތަރު މީހަކު ކުރިމަތިލައިފި އެވެ.
އެ ޕާޓީން މިދިޔަ މަހުގެ 27 ގައި އެކަމަށް ހުޅުވާލައި ބުރާސްފައްޗަށް ސުންގަޑި ހަމަވި އިރު، ޕްރައިމަރީގައި ވާދަކުރަން ހުށަހެޅީ ކ. މާފުށީ މުހައްމަދު މުސްތަފާ އާއި ކ. މާފުށީ ސަލްމާނު ރަޝީދާއި މާލެ އިބްރާހީމް ޝާހުގެ އިތުރުން އަބްދުﷲ ސައީދެވެ.
ނަމަވެސް ޕްރައިމަރީ ބާއްވާނެ ތާރީހެއް އެމްޑީޕީން އަދި އިއުލާނެއް ނުކުރެ އެވެ.
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 15 ގަ އެވެ. އެ ދާއިރާ އަށް އަލުން މެމްބަރަކު އިންތިހާބުކުރަން ޖެހުނީ 14 އަހަރަށް ވުރެ ގިނަ ދުވަހު ގުރައިދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި އިބްރާހީމް ރިޒާ މިދިޔަ މަހުގެ 23 ގައި އަވަހާރަވުމާ ގުޅިގެންނެވެ. އޭނަ އަކީ ޕީޕީއެމަށް ނިސްބަތްވި މެމްބަރެކެވެ.
އެ ޕާޓީން ވެސް ބައި-އިލެކްޝަނަށް ވާދަކުރާ އިރު، ޕީޕީއެމް/ޕީއެންސީގެ އިސްވެރިންގެ ވަފުދެއް އިއްޔެ ގުރައިދު އަށް ވަޑައިގެންފައިވެ އެވެ.
އެ ދާއިރާ އަށް ވާދަކުރަން އެމްއެންޕީން ވެސް ވަނީ ނިންމައިފަ އެވެ.