ރާއްޖޭގެ ވެރިކަމަށް މިހާރު ބޭނުންވަނީ ފުލުހެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އުމަރުގެ ގޯތި ގެދޮރުގެ ސިޔާސަތު އިއުލާންކުރުމަށް ބޭއްވި އިވެންޓުގައި ވާހަކަދައްކަމުން ވިދާޅުވީ އޭނާ އަކީ "ލޯ އެންޑް އޯޑާ" ކެންޑިޑޭޓެއް ކަމަށާއި އޭނާ ފިޔަވައި މިފަހަރުގެ ރިޔާސީ އިންތިހާބުގައި ގާނޫނު ތަންފީޒު ކުރުމުގެ ތަމްރީނު ހަދާ އެކަމަކު ތަޖުރިބާއާއެކު އަންނަ މީހަކު ނުހުންނާނެ ކަމަށެވެ.
"އަޅުގަނޑަކީ ފުލުހެއް. ބައެއް މީހުން އަޅުގަނޑު ކައިރީ ބުނޭ އިސްލާމްދީނާ ބެހޭ ވާހަކަ ތި ދައްކަނީ ކަލޭތީ އިލްމުވެރިއެއް ހެއްޔޭ؟ އަޅުގަނޑު ބުނަން ނޫނެކޭ، އަޅުގަނޑަކީ އިލްމުވެރިއެއް ނޫނޭ. އަޅުގަނޑަކީ އިމާމެއް ނޫނޭ، އަޅުގަނޑަކީ ހަލީފާކަން ކުރަން އަންނަ މީހެއް ނޫނޭ. އަޅުގަނޑަކީ ފުލުހެކޭ." އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ރާއްޖޭގެ ފިހާރަތަކަށް މާސްކު އަޅައިގެން ވަދެ ފޭރުމާއި ރޯމާ ދުވާލު މީހުންގެ ގަޔަށް ވަޅި ހަރައި މީހުން މަރަން ފެށުމުން މި ގައުމުގެ ވެރިކަން ކުރަން ބޭނުންވަނީ ފުލުހެއް ކަމަށެވެ.
"މާނައަކީ ގާނޫނުތައް އެއްވެސް ޖެހިލުމެއް ނެތި ތަންފީޒު ކުރަން ކެރޭނެ ފުލުހެއް މިހާރު މި ގައުމަށް ބޭނުން ވަނީ. އެމީހަކީ އަޅުގަނޑު." އުމަރު ވިދާޅުވި އެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އުމަރު އިއުލާން ކުރައްވާފައިވާއިރު އިންތިހާބުގައި އުމަރު ވާދަކުރައްވަނީ އަމިއްލަ ގޮތުންނެވެ. އުމަރު ވަނީ ރިޔާސީ އިންތިހާބުގައި ހުރިހާ އެންމެންނާ އެކު ވެސް މަސައްކަތް ކުރަން ތައްޔާރަށް ހުންނެވި ކަމަށާއި ނަމަވެސް އެއްވެސް މީހެއްގެ ފަހަތުގައި މަސައްކަތް ކުރުމުގެ ވިސްނުމެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.
"އަޅުގަނޑު މިހިރީ އެއްވެސް މީހެއްގެ ފަހަތުގައި މަސައްކަތް ކުރާ ގޮތަކަށް ނޫން. އެކަމަކު އެންމެންނާއެކު ވެސް މަސައްކަތް ކުރަން ތައްޔާރަށް މިހިރީ." އުމަރު ވިދާޅުވި އެވެ.