ހިޔާ ޓަވަރުގެ ބޭރަށް ވާ ގޮތަށް އިމާރާތް ކުރުމުގެ ޤަވާއިދާއި ހިލާފަށް ބަހައްޓާ ތަކެތި މިމަހުގެ 15 ގެ ކުރިން ނުނަގައިފިނަމަ އެއްބަސްވުމާއި އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށް ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ބުނެފިއެވެ.
އެޗްޑީސީން މިކަމާއި ގުޅޭގޮތުން ނެރުނު އިއުލާނުގައި ބުނެފައިވަނީ "ހިޔާ ފްލެޓްތައް ހިމެނޭ އެއްމެދު އިމާރާތްތަކާއި އާންމު ތަންތަނާއި ވަސީލަތްތައް ބޭނުން ކުރުމާއި ބެހޭ ޤަވާއިދާއި" އަދި "އިމާރާތް ކުރުމާއި ބެހޭ އިދާރީ ޤަވާއިދާ"އި ޚިލާފަށް ބައެއް ފަރާތްތަކުން އިމާރާތުގެ ބޭރަށްވާ ގޮތަށް ގަސްމުށި، ފަރުނީޗަރު އަދި އެހެނިހެން ހިފާ ގެންގުޅޭ ތަކެތި ބަހައްޓާ ކަމަށެވެ.
މިގޮތުން ހިޔާ ސަރަހައްދަކީ ވައިގަދަ ސަރަހައްދަކަށް ވުމުން މިއީ އެ ސަރަހައްދުގައި އުޅޭ ފަރާތްތަކާއި އަދި ސަރަހައްދު ބޭނުން ކުރާ ފަރާތްތަކަށް ނުރައްކާވެދާނެ ކަމަކަށްވާތީވެ އުސޫލާއި އެއްގޮތަށް އަމަލު ކުރުމަށް އެޗްޑީސީން އެދެއެވެ.
މީގެ އިތުރުން އިމާރާތުގެ ވައިގޮޅިއަށް ހަރުކުރެވިފައިވާ އޭސީ އައުޓްޑޯ ޔުނިޓްތަކުގެ ފެންހޮޅިތަކުން ތިރިއަށް ފެން ލީކުވާ ގޮތަށް ދޫކޮއްލާފައިވާކަން އެ ކޯޕަރޭޝަނަށް ފާހަގަ ކުރެވިފައިވާ ކަމަށް ބުނެއެވެ. އެޗްޑީސީން ބުނީ މިކަންކަން ތަކުރާރުކޮށް އިސްލާހުކުރުމަށް ދެންނެވިފައިވާ ކަމަށެވެ. އަދި މިކަންކަން މިމަހުގެ 15 ގެ ކުރީން އިސްލާހު ނުކުރާނަމަ، ފްލެޓްތައް ދޫކުރުމަށް އެއްބަސްވެފައިވާ ގޮތުގެ މަތީން އެ ކޯޕަރޭޝަނުން ފިޔަވަޅު އަޅަން ނިންމާފައިވާ ކަމެށެވެ.
އެޗްޑީސީން ވަނީ މީގެ ހިޔާ ޓަވަރުތަކުގެ އިންސްޕެކްޝަންތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ޤަވާއިދާއި ޙިލާފަށް ހުރިކަން އިސްލާހު ކުރުމަށް ފްލެޓްތަކާއި ހަވާލުވި ފަރާތަށް އެކުންފުނިން ވަނީ އަނގާފައެވެ.