ހުޅުމީދޫގައި އަލަށް ހަދަމުން އަންނަ ޕޮލިސް ސްޓޭޝަން ނިމުމުން ހުޅުމީދޫ ރައްޔިތުންނަށް ދެމުން އަންނަ ހިދުމަތުގެ ފެންވަރު ރަނގަޅުވެގެން ދާނެ ކަމަށް ސައުތު ޕޮލިސް ޑިވިޝަންގެ ކޮމާންޑާރު ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވެއްޖެ އެވެ.
ޝިފާން ވިދާޅުވި ގޮތުގައި މިހާރު މަސައްކަތް ކުރަމުން އަންނަ ޢިމާރާތް ކުޑަކަމުން ވަރަށް ގިނަގުނަ ދަތިތަކާ ކުރިމަތިލާން ޖެހެ އެވެ.
އެހެންކަމުން އާ އިމާރަތް ނިމި އެތަނުގައި މަސައްކަތް ކުރާން ފެށުމުން ވަރަށް ބޮޑު ލުއި ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށް ވިދާޅުވި އެވެ.
ހުޅުމީދޫގައި އަލަށް ހަދަމުން އަންނަ ޕޮލިސް ސްޓޭޝަން ހުޅުވިގެން ދިއުމަކީ މުޅި ޕޮލިސް ސާވިސް އަށް ލިބިގެން ދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވެސް ވިދާޅުވި އެވެ.
ޝިފާން އިތުރަށް ވިދާޅުވީ މުޅި އައްޑޫ ސިޓީގެ ރައްޔިތުންނަށް ދެމުން އަންނަ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރެވި، ކުށް މަދު އަމާން މުޖުތަމައަކަށް އައްޑޫ ސިޓީ ހެދުމަށް ކުރާ މަސައްކަތަށްވެސް މިކަމުން މަގުފަހިވެގެން ދާނެ އެވެ.
އައްޑޫ ސިޓީ ހުޅުމީދޫ ޕޮލިސް ސްޓޭޝަން ނިމިގެންދާ އިރު އެތަނުގައި ކަސްޓޯޑިއަލް ފެސިލިޓީޒް ގާއިމު ކުރެވިފައިވުމަކީ ވެސް މަސައްކަތަށް ލިބިގެން ދާނެ ފަސޭހައެއްކަން ޝިފާން ފާހަގަ ކުރެއްވި އެވެ.
ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ބުނި ގޮތުގައި އެ އިމާރަތުގެ މަސައްކަތް ނިމި މިހާރު ކުރިޔަށް ދަނީ އިމާރާތުގެ ވަށައި ފާރުލުމުގެ މަސައްކަތެވެ. މި މަޝްރޫއުގެ ކޮންޓްރެކްޓަރަކީ އާރްސީއެންޑްސީ އެވެ.
އެހެންކަމުން ވީހާ ވެސް އަވަހަކަށް މި ޕޮލިސް ސްޓޭޝަން ހުޅުވުމަށް ވާންޖެހޭ ތައްޔާރީތައް ކުރަމުންދާ ކަމަށް ވެސް ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ބުންޏެވެ.