މިއަދު މެންދުރު ނަމާދުގެ ކުޑަ ވަގުތުކޮޅެއް ކުރިން ފޭދޫ މިސްކިތެއްގެ ތެރޭގައި ދުވަސްވީ ދެ މީހަކު މާރާމާރީ ހިންގައިފި އެވެ.
މި ހާދިސާ ހިނގާފައި ވަނީ މީގެ ކުރިން ވެސް މިފަދަ ހާދިސާތަކެއް ތަކުރާރުވެފައިވާ މަސްޖިދުލް ނަސްރު (އޭޑީއޭ) މިސްކިތުގަ އެވެ.
މާރާމާރީ މިއަދު ހިނގާފައި ވަނީ އެ މިސްކިތުގެ މަސައްކަތު މީހަކަށް އުޅޭ ފޭދޫ ހިރާ އަލިފުތާ އާއި އާންމުކޮށް މަސްޖިދުލް ނަސްރަށް ނަމާދަށް ދާ ކާމިލު އާ ދެމެދު އެވެ.
މިއަދު އެ ދެ މީހުންގެ މެދުގައި މާރާމާރީ ހިނގާފައި ވަނީ މިސްކިތުގެ އެތެރޭގަ އެވެ. އަދި ކާމިލް ވަނީ އެތައް ފަހަރެއްގެ މަތިން އަލިފުތާ އަށް ހަމަލާދީ، އަތުންނާއި ފައިން އޭނާގެ ގައިގައި ތަޅައިފަ އެވެ. އަދި މިސްކިތުގެ އެތެރޭގައި ހުރި ބައެއް ގޮނޑިތައް އުކައި، މިސްކިތުގެ ތެރޭގައި އަޑުގަދަކޮށްފައިވެ އެވެ.
މިކަން ހުއްޓުވަން މިސްކިތުގައި އެ ވަގުތު ތިބި މީހުން މަސައްކަތް ވެސް ކުރި އެވެ. އެހެން ނަމަވެސް ކާމިލް އެތައް ފަހަރެއްގެ މަތިން ހަމަލާދީ، އަޑުގަދަކޮށް ހަދަން ފެށުމުން، ފުލުހުންނަށް މިސްކިތުގައި ތިބި މީހުން ވަނީ ގުޅައިފަ އެވެ.
އަދި ފުލުހުން ގޮސް ވެގެން އުޅޭ ގޮތް ސާފުކޮށް، ފުލުހުންގެ ވެހިކަލުގައި ކާމިލް ވަނީ ގެންގޮސްފަ އެވެ.
މަންޒަރު ދުށް މީހަކު ބުނީ ކާމިލާއި އަލިފުތާ އާ ދެެމެދު މާރާމާރީ ހިނގީ ސީދާ ކޮން ސަބަބަކާ ހުރެކަން ނޭނގޭ ކަމަށެވެ. އެހެން ނަމަވެސް އެ ދެ މީހުންގެ ދޭތެރޭގައި މިފަދަ ހާދިސާތައް ހިނގުމަކީ ވަރަށް އާންމު ކަމެއްކަން މިސްިތަށް ދާ ވަރަށް ގިނަ ބަޔަކަށް އެނގެ އެވެ.
"ނޭނގޭ އެއްގޮތަކަށް ވެސް ތަޅައިގަތީ ކީއްވެ ކަމެއް. ދެ މީހުން އެކަކު އަނެކެއްގެ ކަރުގައި ހިފައި، އަތާއި ފައިން ތަޅައި، ގޮނޑިތަކާ އެއްޗެހި ހޫރައި ހެދީ،" މަންޒަރު ދުށް މީހަކު ބުންޏެވެ.
މީގެ ކުރިން ކާމިލާއި އަލިފުތާ އާ ދެމެދު މާރާމާރީއެއް ހިނގާފައި ވަނީ، ކާމިލް މިސްކިތު ފާހާނާ އަށް ބޮޑުކަމުގޮސްފަ އާއި ވުޟޫ ކުރާ ތަނަށް ރަތް ކުޅު ޖަހައި ސާފު ނުކުރާ މައްސަލާގައި ދެ މީހުންގެ މެދުގައި ހިނގި ޒުވާބެއްގަ އެވެ.
އެ ފަހަރު ވެސް މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވެ އެވެ.