އައްޑޫ ސިޓީގައި ޓްރެފިކް ފުލުހުންގެ ޚިދުމަތް ވަކިން ފެށިފަހުން މިހާތަނަށް 700 އަށްވުރެ ގިނަ އުޅަނދު ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފާއިިތުވި މަހެއްހާ ދުވަހު މިފަދަ ގިނަ އުޅަނދުތައް ބަލައި ފާސްކޮށް އެފަދަ ތަކެތީގެ މައްސަލަތައް ޙައްލު ކުރުމަށް ކުރެވުނު މަސައްކަތަށް އައްޑޫ ސިޓިގެ ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު ތަރުޙިބެއް ލިބިގެންދާކަން ސައުތު ޕޮލިސް ޑިވިޝަން ކޮމާންޑަރު ޗިފް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޝިފާން ފާހަގަ ކުރެއްވި އެވެ.
އައްޑުއަކީ އެންމެ ގިނަ އަދި އެންމެ ނުރައްކާތެރި އެކްސިޑެންޓް ހިނގަމުން އަންނަ ސިޓީއަކަށްވެފައި މަގުމަތީގެ އަމާންކަން ޤާއިމް ކުރުމަށްޓަކައި މިދިޔަ މަހުގެ ނުވައަކުން ފެށިގެން އައްޑޫ ސިޓީގައި ޓްރެފިކް ޕޮލިސް ޤާއިމް ކުރެވި ޓްރެފިކް މައްސަލަތަށް ހައްލު ކުރުމަށް ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުންނެވެ.
މި މަސައްކަތުގެ ސަބަބުން އެހެން އަހަރު ތަކުގެ ރަމަޟާން މަހާއި އަޅައި ބަލާ އިރު މިއަހަރުގެ ރަމަޟާން މަހުގެ މިހާތަނަށް ޓްރެފިކް މައްސަލަތައް ވަރަށް ބޮޑަށް ވަނީ މަދު ކުރެވިފަ އެެވެ.
އައްޑޫ ސިޓީގައި ޓްރެފިކް ފުލުހުންގެ މަސައްކަތުގެ ސަބަބުން މަގުމަތީގެ ރައްކާތެރިކަމަށް ޢާންމުން ސަމާލުކަންދޭ މިންވަރު އިތުރުވެ، ޓްރެފިކް މައްސަލަތަކާއި ގުޅިގެން ނަސޭހަތް ދީ ފިޔަވަޅު އަޅަންފެށުމުގެ ސަބަބުން ގަވާއިދާއި ޚިލާފަށް ހުންނަ އުޅަނދުތަކާއި ހުއްދަ ކުރެވިފައިވާ މިންގަނޑަށް ވުރެ ބާރު ސްޕީޑްގައި ދުއްވާ މީހުންގެ އަދަދު މަދުވެފައިވާކަން ފުލުހުން ފާހަަގަ ކުރެ އެެވެ.
މީގެ އިތުރުން އައްޑޫގައި މަގުމަތީގައި ފުލުހުންގެ ހަރަކާތްތައް އިތުރުވެގެން ދިއުމުގެ ސަބަބުން ރަށުތެރޭގައި ހިނގަމުން އަންނަ އެހެނިހެން ކުށްތަކުގެ އަދަދު ރަމަޟާން މަހު މަދު ކަމަށް ވެސް ފުލުހުން ބުންޏެވެ.